ބަނގްލަދޭޝް ދަނީ ބަދަލުވަމުން

ބަނގްލަދޭޝް ދަނީ ބަދަލު ވަމުންނެވެ. ޝެއިޚް މުޖީބުރު ރަހުމާން ބަނގްލަދޭޝް ބިނާ ކުރެއްވީ އިލްމާނީ ސެކިއުލަރ އުސޫލުތަކެއްގެ މައްޗަށެވެ. ނަމަވެސް ޒަމާނާއެކު ދީނީ ހޭލުންތެރިކަމާއެކު މިހާރު ބޮޑެތި ބަދަލުތައް ދަނީ އަންނަމުންނެވެ.

މިދިޔަ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ބޮޑުވަޒީރު ޝެއިޚް ހަސީނާ ގައުމުން ފިއްލަވައިގެން ވަޑައިގަތުމުން ޒަމާންތަކެއް ވަންދެން އެއްވަނަ ޕާޓީގެ ގޮތުގައި ވެރިކަން ކުރަމުން އައި، އަވާމީލީގްގެ ބާރު މިހާރު ވަނީ ގެއްލިފައެވެ. އަދި އެއިރު އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވި ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ މަގްބޫލުކަންވެސް ވަނީ މިހާރު ކުޑަވެފައެވެ.

ބަނގްލަދޭޝްގައި ސިޔާސީ އިސްލާމްގެ ހަރަކާތް ދަނީ އިތުރު ވަމުންނެވެ. އެންމެ ފަހުގެ ހާދިސާގައި އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ދިނާޖްޕޫރުގައި ހިންދޫ މައިނޯރިޓީ ލީޑަރަކުވެސް ވަނީ ވަގަށް ނަގާފައެވެ. އެއަށްފަހު އޭނާ ފެނިފައި ވަނީ އަނިޔާތަކެއް ކޮށް ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮތްވައެވެ.

މި ހާދިސާގެ ސަބަބުން ބައިމަދު މީހުންނާ ދެކޮޅަށް ދެމުންދާ އަނިޔާވެރި ހަމަލަތައް ވަނީ ސަމާލުކަމަށް އައިސްފައެވެ. މިކަމަކީ އައު ކަމެއް ނޫނެވެ. ކިޔަވާ ކުދިން ފެށި މުޒާހަރާތަކާއެކުވެސް މިކަން ފެނިގެން ދިޔައެވެ. ނަމަވެސް މިހާރު ނިޒާމީ ސިފައެއްގައި މިކަން ވަނީ އާނމު ކަމަކަށް ވެފައެވެ.

މިހަރު ދެމުންދާ ހަމަލަތަކުގެ ޝިކާރައަކަށް ވެފައި ވަނީ ސެކިއުލާ ފިކުރުގެ މީހުންނާއި މުސްލިމުން ނޫން މީހުންނެވެ. ދާދި ފަހުން ޑާކާ ޔުނިވާސިޓީގެ ޕްރޮފެސަރަކަށްވެސް ވަނީ އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށްފައި ވެއެވެ. އޭނާގެ ކުށަކީ ދީނީ ހަރުކަމުގެ ތެރޭން މުސްލިމުން ނޫން މީހުންނަށް ދޭ ހަމަލަތައް ކުށްވެރި ކުރުމެވެ.

ބަނގްލަދޭޝްގެ ސިޔާސީ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރަނީ އިސްލާމީ ޚިޔާލުގެ މީހުންގެ ބާރުގަދަ ވުމާއެކު ބަންގަލްދޭޝްގައި ބައި މަދު މީހުންނަށް ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބބުން ގައުމުގެ އަސާސަށް ލޮޅުން އަރަނެ ކަމަށެވެ.

ހިއްސާ ކުރައްވާ!