ޕާކިސްތާންގެ ކުރީ ސަރުކާރުތަކުން ހަރުކަށި އަމަލުތައް ހިންގަން އުޅުނު މީހުންނަށް ވާގި ވެރިވުމުން އެކަމުގެ އުދަގޫ ޕާކސްތާނަށް ތަހައްމަލު ކުރަން ޖެހުނު ކަމަށާއި އެމާޒިއަކީ ސިއްރެއް ނޫން ކަމަށް ޕާކިސްތާންގެ ކުރީގެ ޚާރިޖީ ވަޒީރު ވިދާޅުވެއެވެ. ނަމަވެސް މިހާރު އެކަން މާޒީ ވެގޮސްފައިވާ ކަމަށް ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވެއެވެ.
ޕާކިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ވަނީ ސްކައި ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާޒީގައި ޓެރަރިސްޓް ހަމަލަތައް ދިން ފަރާތްތަކާ ދައުލަތާ ގުޅުން އޮތް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ޕާކިސްތާނުގެ މާޒީގައި ހަރުކަށި ފަރާތްތަކާ ދައުލަތުން ގުޅިފައިވާ ކަމަށް ގަބޫލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އިސްލާޙީ ފިޔަވަޅުތަކަށް ބިލާވަލް ބުއްޓޯ ވަނީ މިއަދު ގޮވާލައްވާފައެވެ. ޕާކިސްތާނުގެ މާޒީ ސިފަކުރައްވަމުން ވިދާޅުވީ އެއީ "ސިއްރެއް ނޫން" ކަމަށާއި، ހަރުކަށި ފިކުރުގެ ސަބަބުން ކުރިމަތިވާ އުދަގޫ ދާޚިލީ ނަތީޖާތައް ގަބޫލުކުރައް ޖެހޭނެ ކަމަށެވެ.އަދި ޕާކިސްތާނުން ތަހައްމަލުކޮށްފައިވާ އުދަގޫ ހާލަތްތައްވެސް ދަނެގަންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ލިބުނު ތަކުލީފުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ވެސް ފިލާވަޅުތަކެއް ދަސްވި. މި މައްސަލަ ހައްލުކުރުމަށް އެތެރޭގެ އިސްލާހުތަކެއް ކުރިއަށް ގެންދަން ޖެހޭ،" އަދި މިހާރު ޕާކިސްތާނުން މިފަދަ ހަރުކަށި ކަންކަމަށް ތާއީދު ކުރުމާ ދުރަށް ޖެހިފައިވާ ކަމަށް ބުއްޓޫ ޒަރްދާރީ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ހަރުކަށި ފިކުރަކީ ޕާކިސްތާންގެ ތާރީޚުގައި އިންކާރު ނުކުރެވޭނެ ބައެއް ކަމަށެވެ. ނަމަވެސް، އެއީ މިހާރުގެ ސިޔާސަތު ދައްކުވައިދޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. "އެއީ މާޒީއެއް، ތާރީޚެއް، މިއަދު އަޅުގަނޑުމެން ބައިވެރިވާ ކަމެއް ނޫން،" އޭނާ އިތުރަށް ތަފްސީލުކޮށްދެއްވަމުން ވިދާޅުވި އެވެ.
ބުއްޓޫ މިހެން ވިދާޅުވެފައި ވަނީ ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ފާރަވެރިވުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކޮށް ކާމިޔާބީ ހޯދިއެވެ. ނަމަވެސް ދުވަސްތަކެއް ފަހުން އަލުން މަސްރަހު ގޯސްވެގެން ދިޔައީ ޕަހަލްގަމްގެ ހަމަލައިންނެވެ.




