ޕާކިސްތާނާ ދެކޮޅަށް މާލީ ދަތިކުރުުމުގެ ފިޔަވަޅު އެޅުމަށް އެދިއްޖެ

ޕާކިސްތާން ޒަމާންތަކެއް ވަންދެން މާލީ މުއާމަލާތަށް ފާރަވެރިވާ ޖަމުއިއްޔާގެ ގްރޭ ލިސްޓުގައި އޮތުމަށްފަހު އިމްރާން ޚާންގެ މަސައްކަތުން 2022 ގައި ސަލމަތް ވުމުން އަލުން އަނެއްކާވެސް އެ ލިސްޓަށް ލުމަށް އިންޑިއާއިން މަސައްކަތް ފަށައިފިއެވެ. އިންޑިއާއިން ދަނީ އެތައް މައިދާނެއްގައި ޕާކިސްތާނާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާއިން ބުނާ ގޮތުގައި ޕަހަލްގަމްގެ ހަމަލާގައި ޕާކިސްތާންގެ ފަރާތްތަކުގެ އަތެއް ވެއެވެ. ޕާކިސްތާނުން ވަނީ މި ކަމާ ދެކޮޅު ހަދާފައެވެ. ނަމަވެސް އިންޑިއާިއން ބުނަނީ ޕާކިސްތާނުގެ ފަރާތްތަކުން ޓެރަރިސްޓް ކަންކަމަށް ފަންޑު ކުރާ ކަމަށެވެ.

ދާދި ފަހުން ޕަހަލްގަމް އަށް ދިން ހަމަލާގައި 26 މީހުން މަރާލި ހާދިސާއަކީ ޕާކިސްތާނު ރައްޔިތުންގެ ބަޔަކު ބައިވެރިވާ ހަމަލައެއް ކަމަށް ބުނެ، އިންޑިއާއިން ދަނީ ޕާކިސްތާނުން ޓެރަރިޒަމްގެ ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ. މި ހަމަލާގައި ބައިވެރިވި 3 މީހުންގެ ޑިޖިޓަލް ޕްރިންޓްތައް ޕާކިސްތާނުގެ ކަރާޗީއާ ހަމައަށް ފޯރާ ކަމަށް އިންޑިއާއިން ބުނެއެވެ. މީގެ ކުރިން ލަޝްކަރޭ ތައްޔިބާއާއި ޖައިޝޭ މުހައްމަދުގެ ޖަމާއަތްތަކަށް ޕާކިސްތާނުން ފައިސާ ލިބޭ ކަމަށް ތުހުމަތުކޮށްގެން ބައިނަލްއަގްވާމީ މާލީ މުއާމަލާތަށް ފާރަވެރިވާ އިދާރާއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅުތައް ދަމައްޓާފައެވެ. ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ސަރުކާރުން އެޖަމާއަތްތަކުގެ މީހުން ޖަލަށް ލައި އެމީހުންގެ އެކައުންޓްތައް ހުއްޓުވައި އެމީހުންނަށް ފައިސާ ނުލިބޭ ގޮތް ހެދުމުން، 2022 ގައި ޕާކިސްތާން ވަނީ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) ގެ ގްރޭ ލިސްޓުން އުނިކޮށްފައެވެ.

އަލުން އިންޑިއާއިން ބާރު އަޅަމުން ދަނީ އެފްއޭޓީއެފްގެ ގްރޭ ލިސްޓަށް އަލުން ޕާކިސްތާން ލުމަށް ވަކާލާތު ކުރަމުންނެވެ.

މި ދުވަސް ވަރަކީ، ޕާކިސްތާންގެ އިގްތިސާދުގެ ދަތި ހާލާ ހެދި ޕާކިސްތާނަށް 7 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖެއް ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން މަސައްކަތް ކުރަމުންދާ ދުވަސްވަރެކެވެ. އިންޑިއާއިން ވަނީ މިކަން ހުއްޓުވުމަށްވެސް ބާރުއަޅާފައެވެ. އިންޑިއާއިން ބުނަނީ މި ފައިސާ ޕާކިސްތާނުން ނަހަމަ ގޮތުގައި ބޭނުން ކޮށްފާނެއެވެ.

ހިއްސާ ކުރައްވާ!