ކުރީ ސަރުކާރުން ކޮށްފައިވާ އެއްބަސްވުންތަކުގައި މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެކަމާ ގުޅޭ އިތުރު ތަފްޞީލު ސުއާލު ޖަވާބުގެ ތެރޭގައި އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކަންބޮޑުވުން ހުރި ކަންކަމަށް މިހާރު ވާހަކަ ދައްކައިގެން ހައްލު ގެނަސްފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އެ އެއްބަސްވުންތައް ހާމަ ނުކުރެވެނީ، އޭގައި ސިއްރު ކުރުމަށް ބުނާ މާއްދާތަކެއް ހުރުމުންނެވެ.
"ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން. އެއީ އަޅުގަނޑުގެ ވައުދު ފުއްދުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.
ދޭދޭ ޤައުމުތަކުގެ މެދުގައި ކުރާ އެއްބަސްވުންތަކުގައި މުއާހަދާތައް ސިއްރުކުރުމަށް އެފަދަ މާއްދާތައް ހިމެނުމަކީ އާންމު އުސޫލެކެވެ. އަދި ދޭދޭ ޤައުމުތަކުގެ މެދުގައި ކުރާ މުއާހަދަތަކަކީ ޙުރުމަތްތެރިކަމެއް ލިބިގެންވާ މުއާހަދާތަކެކެވެ.
އާންމު ޑިޕްލޮމެޓިކް އުސޫލުން މި މުއާހަދާތައް ރައްޔިތުންނަށް ހާމަކުރާނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ރައީސް އިތުރަށް ވިދާޅުވީ ދެފަރާތް ދެމެދު މަޝްވަރާތައް ހިނގަމުންދާ ކަމަށާއި މަޝްވަރާތައް ނިމުމުން އެކަންކަން ހާމަ ކުރައްވާނެ ކަމަށެވެ.
ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވައި މިވާހަކަފުޅު ދެއްކެވުމާ ގުޅިގެން އެމްޑީޕީގެ ލީޑަރޝިޕުން ވަނީ ހަރުކަށިކޮށް ރައީސަށް ރައްދު ދީފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި މުޠުލަޤަށް ރައްޔިތުންނަށް އިތުރުފުޅު ހެއްދެވީ ކަމަށެވެ.
"މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ ޔަޤީން ކަށަވަރުކޮށްދެއްވީ އަޅުގަނޑުމެންގެ ސަރުކާރުން އަވަށްޓެރި ބޭރު ޤައުމުތަކާ ވަކިން ޚާއްސަކޮށް އިންޑިއާއާއި އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާ ކަމަށާއި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްޓަކައި މުތުލަޤަށް ހެއްދެވީ ދޮގުކަން." ޝާހިދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި "އަބަދުވެސް އަޅުގަނޑުމެން އެމްޑީޕީ ސާބިތުވެ ތިބޭނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް އިޚުލާޞްތެރި ޚާދިމުންގެ ގޮތުގައި" ކަމަށް ވިދާޅުވިއެވެ.
ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލު ވުމަކީ ނޫސްވެރިންނާ ސީދާ އެމަނިކުފާނު ޒަމާނަކަށް ފަހު ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެހެން ފޯރަމްތަކުގައި އެމަނިކުފާނު ވަނީ ތަފާތު މައްސަލަތަކުގައި ބަސްމޮށި ވަޑައިގެންފައެވެ.
ސޯލިޙުގެ އެމްޑީޕީ ސަރުކާރުން އިންޑިއާއާއެކު ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބުނެ، އެއިރު ރައީސް މުޢިއްޒުއާއި ބައިވެރިން އިދިކޮޅުގައި ތިއްބެވި އިރު އެ ޕާޓީން އިންޑިއާއަށާއި އިންޑިއާ ސަފީރަށް ނުހޮރޮއްޕާން ކޮށްފައި ވެއެވެ. އަދި ނިޒާމީ ސިފައެއްގައި އިންޑިއާ އައުޓު ކެމްޕޭން ހިންގައިފައި ވެއެވެ. އަދި އެންމެ ފަހުން، އެކެމްޕޭން ވަޅުޖެހެން މެދުވެރިވީ ރައީސް މުޢިއްޒުގެ ސަރުކާރުގެ 3 މަސްއޫލުވެރިއަކު އިންޑިއާ ބޮޑު ވަޒީރަށް ފުރައްސާރަ ކުރުމުން ދެ ގައުމުގެ ގުޅުން ވަޅޯވެ ރައްޔިތުންގެ ފެންވަރުގެ ގުޅުމަށް ހީނަރުކަމެއް ވެރިވުމުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ޚާރިޖީ ސިޔާސަތަށް ހަމަހަމަކަމެއް ގެންނަވައި، ސަރަހައްދީ ގުޅުމުގައި އަލުން ރާއްޖޭގެ ގަދަރު ދަމަހައްޓަވާފައެވެ.



