ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގައި 26 ފަތުރުވެރިން މަރުވުމާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ނުފެންނަ މިންވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. އިންޑިއާއިން ތުހުމަތުކުރަނީ ޕާކިސްތާނުގައި އުފެދިފައިވާ ލަޝްކަރޭ ޠައްޔިބާ އާއި އޭގެ ގޮްޕެއް ކަމަށްވާ ދަ ރެޒިސްޓަންސް ފްރަންޓަށެވެ. އަދި އިސްލާމާބާދުން ސަރަހައްދު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމަށް ބޯޑަރު ހުރަސްކޮށް ޓެރަރިޒަމްގެ ޢަމަލުތައް ރާވައިގެން ހިންގަމުންދާ ކަމަށް ތުހުމަތުކުރެއެވެ.
މި ދެ ޤައުމުން ވަނީ އެއްބަޔަކު އަނެއްބައެއްގެ ޑިޕްލޮމެޓުން ބޭރުކޮށް، އިންޑަސް ވޯޓަރސް މުޢާހަދާ ހުއްޓާލައި، ބޯޑަރުތައް ބަންދުކޮށް، އެއަރ ސްޕޭސް ބަންދުކޮށް ހަދާފައެވެ.
މިކަމުގެ ސަބަބުން މި ދެ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ޤައުމުގެ ދެމެދުގައިވާ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. ޔޫރަޕިއަން ޔޫނިއަނަކީ ޕާކިސްތާނަށް އެހީ ދޭ އަދި ވިޔަފާރީގެ ގުޅުން އޮތް ފަރާތެއް ކަމުގައިވާއިރު، ޕާކިސްތާނުން ހަރުކަށި ފިކުރު ފެތުރުމުގައި އަދާކުރާ ދައުރާއި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން އެ ޤައުމުގެ ރެކޯޑު ދަށްވެފައިވާ މިންވަރަށް ބަލާއިރު، ޔޫރަޕިއަން ޔޫނިއަނަށް މިހާރު އިތުރަކަށް މި ކަންކަމާމެދު އަޅާނުލާ ތިބެވޭކަށް ނެތް ކަމަށް އިންޑިއާއިން ބުނެއެވެ.
2014 އިން ފެށިގެން، ޔޫރަޕިއަން ޔޫނިއަނުން ވަނީ ޕާކިސްތާނަށް 700 މިލިއަން ޔޫރޯއަށްވުރެ ގިނަ އަދަދެއްގެ އެހީ ދީފައެވެ. އަދި ޖީ.އެސް.ޕީ+ ވިޔަފާރީގެ ދަރަޖަ ދީފައި ވެސް ވެއެވެ. މިކަމުގެ ސަބަބުން 2022 ވަނަ އަހަރު 7.4 ބިލިއަން ޔޫރޯގެ އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ޕާކިސްތާނަށް ލިބިފައިވެއެވެ.
މިކަމުގެ ބަދަލުގައި ޕާކިސްތާނުން ވަނީ އިންސާނީ ޙައްޤުތަކާއި ވެރިކަން ހިންގުމާ ގުޅޭ 27 މުޢާހަދާއެއްގައި އީޔޫއާއެކު ސޮއިކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ކަންކަން ތަންފީޒުކުރުމުގައި ފަސްޖެހިފައި ވެއެވެ.
ޕާކިސްތާންގައި ކޮރަޕްޝަން އާންމުވެ 2022 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަންސް އިންޑެކްސްގައި 140 ވަނައިގައި ހިމެނުނެވެ. އަދި ޔޫރަޕިއަން ޔޫނިއަނުގެ ފައިސާ ހައްދުފަހަނައަޅާފައިވާ މުއައްސަސާތަކަށް ލިބޭކަމަށް ބުނެ އިންޑިއާއިން ޝަކުވާ ކުރެއެވެ.
ސިޔާސީ ވާދަވެރިންނާ ދެކޮޅަށްވެސް ޕާކިސްތާންގައި މުއައްސަސާ ފެންވަރުގައި ނޭއްގާނީ އަމަލުތައް ހިންގައެވެ. އެކަމުގެ ހެއްކަކީ، އިމްރާން ޚާން ޖަލު ބަންދުކޮށްގެން ގެންގުޅުމެވެ.




