ޔޫއެންޑީޕީގެ 2025 ވަނަ އަހަރުގެ ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓުގައި އީރާން ފާހަގަ ކޮށްފައި ވަނީ މަތީ ފެންވަރުގެ އިންސާނީ ތަރައްގީއެއް ހޯދާ ޤައުމެއްގެ ގޮތުގައެވެ. އީރާނުން ވަނީ ހިއުމަން ޑިވެލޮޕމެންޓް އިންޑެކްސްގައި 193 ގައުމުގެ ތެރެއިން 75 ވަނަ ހޯދާފައެވެ. މިއީ އިސްލާމީ ވެރިކަމެއް ކުރުމުގެ ސަބަބުން އެމެރިކާއާއި ހުޅަނގުން އިގްތިސާދީ ދަތިކޮށްފައިވާތާ 40 އަހަރު ވެފައިވާ ޤައުމެކެވެ.
އީރާނުން ސިއްހަތާއި ތައުލީމާއި ރައްޔިތުންގެ އާމްދަނީގެ ފެންވަރުގައި ދެމެހެއްޓެނިވި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ދައްކައެވެ.
އީރާނަކީ ރިސާޗް ކުރުމާއި ރިސާޗް ޕޭޕަރތައް ތައްޔާރުކުރުމުގައި ފާހަގަ ކުރެވޭ ޤައުމެކެވެ. އަދި އީރާނުގެ ސައިންޓިސްޓުންނަށް ގިނައިން ހަވާލާދޭ ކަމަށްވެސް ވެއެވެ.
2025 ވަނަ އަހަރުގެ އިންސާނީ ތަރައްގީގެ ރިޕޯޓުން ހާމަވާ ގޮތުގައި އީރާނުގެ ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި ދިހަވަރަކަށް އަހަރު ތެރޭގައި ވަރަށް ބޮޑަށް ކުރި އެރުމެއް ހޯދާފައި ވެއެވެ. 1990 ވަނަ އަހަރު 0.626 އިން 2023 ވަނަ އަހަރު 0.799 އަށް ޖެހިފައި، 27.6 ޕަސެންޓްގެ ފާހަގަކޮށްލެވޭ ކުއެރުމެއް އީރާނުން ހޯދާފައި ވެއެވެ.
މި ކުރިއެރުމުން ދައްކައި ދެނީ އީރާނުގެ ރައްޔިތުންގެ އުމުރު ދިގުވުމާއި، ލިބެން ހުރި ފަހި ތައުލީމީ ފުރުސަތުތަކާއި، އިގްތިސާދީ ފުރުސަތުތައް ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓްތަކެވެ.
މިއަހަރުގެ ރިޕޯޓަކީ، "އަ މެޓަރ އޮފް ޗޮއިސް: ޕީޕަލްސް އެންޑް ޕޮސިބިލިޓީސް އިން ދަ އޭޖް އޮފް އޭއައި" ގެ މައުޟޫއުގައި ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ.
މި ރިޕޯޓުގައި އިންސާނީ ތަރައްގީ އަލުން ދިރުވައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފުރުސަތުތަކާއެކު ތަރައްގީ ބަދަލު ކޮށްލުމަށް ބާރުއަޅާފައި ވެއެވެ.
މި ރިޕޯޓުގައި އީރާނުގައި މިންތީގެ ހަމަހަމަކަމުގައި ދަށް ކަމަށް ދައްކައެވެ. އީރާނުގެ ޖެންޑަރ އިންއިކުއަލިޓީ އިންޑެކްސް (ޖީއައިއައި) ސްކޯ އުޅެނީ 0.482 ގައެވެ. އެއީ، 172 ގައުމުގެ ތެރެއިން 123 ވަނާގައި ގިންތި ވުމެކެވެ. އެހެންވެ، އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމާއި ވަޒީފާއާއި ސިއްހީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް އިތުރު އިންވެސްޓްމަންޓު ކުރުމަށް ގޮވާލާފައި ވެއެވެ.
މި ރިޕޯޓުގައި ބުނެފައި ވަނީ ދުނިޔޭގެ ފެންވަރުގައި އިންސާނީ ތަރައްގީގެ ދުވެލި މަޑު ޖެހިފައިވާ ކަމަށެވެ.




