ދެކުނު ކޮރެއާ މީހުން ކައިވެންޏާއި ދަރިން ތަރުބިއްޔަތު ކުރުމަށް ވުރެން ބޮޑަށް ވަޒީފާއަށް އިސްކަން ދޭ

ދެކުނު ކޮރެއާގެ 25 އަހަރާއި 44 އަހަރާ ދެމެދުގެ ގިނަ މީހުން ކައިވެންޏާއި ދަރިން ތަރުބިއްޔަތު ކުރުމަށް ވުރެ ބޮޑު އިސްކަން ދެނީ އެމީހުންގެ ވަޒީފާއަށް ކަމަށް ދެކުނު ކޮރެއާގެ ޤައުމީ އެއްބައިވަންތަކަމަށް މަސައްކަތްކުރާ ރިއާސީ ކޮމިޓީގެ ރިޕޯޓެއްގައި ބުނެފިއެވެ.

ޖެނުއަރީ 31 އިން ފެބްރުއަރީ 14 އަށް 2،690 މީހުންނާއެކު ޤައުމީ ފެންވަރުގައި އޮންލައިންކޮށް ކުރެވުނު މި ސަރވޭގައި ޢާއިލާއާއި ވަޒީފައަދާ ކުރުމާ މެދު މީހުންގެ ބަދަލުވަމުން އަންނަ ޚިޔާލުތަކައް ބަލާފައިވެއެވެ.

ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 38.1 ޕަސެންޓް މީހުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވަޒީފާއަށެވެ. އޭގެ ފަހުން މުނިފޫހިފިލުވުމާއި އަމިއްލަ ނަފްސު ތަރައްޤީކުރުމަށް ކަމަށް 23.1 ޕަސެންޓް މީހުން ބުނެއެވެ.  އަދި ލޯބީގެ ގުޅުންތަކަށް ކަމަށް 22 ޕަސެންޓް ބުނެއެވެ. ދަރިންނަށް އިސްކަން ދޭކަމަށް ބުނީ 16.8 އިންސައްތަ މީހުންނެވެ.

ދެ ޖިންސުގެ މީހުންވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވަޒީފާއަށް ކަމުގައިވިއަސް، އަންހެނުންގެ ތެރޭން 24.5 ޕަސެންޓް މީހުން އަމިއްލަ ދިރިއުޅުމަށް އސްކަން ދޭކަމަށް ބުނާއިރު އެކަމުގައި ފިރިހެނުންގެ ނިސްބަތަކީ 23.1 އިންސައްތައެވެ.

ދެ ޖިންސުންވެސް ދަރިން ތަރުބިއްޔަތު ކުރުމަށް މާ ބޮޑު އަހަންމިއްޔަތެއް ނުދެއެވެ. އެކަމަކު 40 އަހަރުން މަތީގެ މީހުން މިކަމުން އިސްތިސްނާ ވެއެވެ.

މި ސަރވޭއިން ދައްކާގޮތުގައި 78 ޕަސެނޓް މީހުން ދެކޭގޮތުގައި ވަޒީފާއަކީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ގާތްގަނޑަކަށް 80 ޕަސެންޓް އަންހެނުންނާއި 70 ޕަސެންޓް ފިރިހެނުން ތާއީދުކުރަނީ އަންހެނުން ވަޒީފާގެ ދާއިރާގައި ހަރަކާތްތެރިވުމަށެވެ. އަދި ގިނަ މީހުން ދެކޭގޮތުގައި މަންމައެއްގެ ވަޒީފާއިން އޭނާގެ ދަރިންނަށް ގެއްލުމެއް ނުލިބޭނެއެވެ. މީގެ އިތުރުން، 70 ޕަސެންޓް ފިރިހެނުންނާއި 80 ޕަސންޓް އަންހެނުން ތާއީދުކުރަނީ ފިރިހެނުން ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ބޮޑުކުރުމުގައި އިތުރަށް ބައިވެރިވުމަށެވެ.

މި ރިޕޯޓުގައި ގޮވާލާފައިވަނީ ބަދަލުވަމުން އަންނަ ދެ ޖިންސުގެ ދައުރުތަކަށް ރިޢާޔަތްކޮށް ސިޔާސަތުތައް އެކުލަވާލުމަށެވެ. އަދި އަންހެނުންނަކީ ފުލްޓައިމްކޮށް ގޭގައި ތިބޭ މީހުންކަމަށް ދެކުމަކީ ޒަމާނާ ނުގުޅޭ ކަމެއްކަމަށް ވސް ފާހަގަކޮށްފައިވެއެވެ. އަދި މަސައްކަތުގެ ދާއިރާގައި އަންހެނުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ޢާއިލީ ދައުރުތަކުގައި ފިރިހެނުން ބައިވެރިވެ ބެލެންސް މުޖުތަމައެއް ބިނާ ކުރުމަށް ގޮވާލައެވެ.

 

ހިއްސާ ކުރައްވާ!