ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ދިރާސާކުރާ ކޮމިޓީއަށް މިއަދު ކަސްޓަމްސްގެ އިސް ބޭފުޅުން ހާޒިރުކުރުމުން އެބޭފުޅުން ގާނޫނަށް ގެންނަންޖެހޭ ބައެއް އިސްލާހުތަކަށް ޚިޔާލު ހުށަހަޅުއްވައިފިއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދާއިރު، އެއީ ތަންފީޒުކުރަން ފަސޭހަ ގާނޫނުތަކަކަށް ވާންޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ގާނޫނުގެ ދަށުން ވޭޕް އެތެރެކުރުމުގެ މައްސަލަތަކުގައި ވަކިވަކި ފަރުދުންނަށުންނަށް ބޮޑެތި ޖޫރިމަނާތަކެއް ކުރެވެމުންދެއެވެ.
"ގާނޫނުގައި މިހާރު އޮންނަނީ ވޭޕް އެތެރެކޮށްފިއްޔާ 50،000 ރުފިޔާގެ ޖޫރިމަނާއެއް، އެއަށްފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވާގޮތަށް،" ސިމާހު ވިދާޅުވިއެވެ. މިގޮތުން، ދެ ވަކި މައްސަލައެއްގައި އެއް ފަރާތެއް 48 މިލިއަން ރުފިޔާއިން އަދި އަނެއް ފަރާތް 40 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ސިމާހު އިތުރަށް ވިދާޅުވީ، ކަސްޓަމްސްއަށް ގާނޫނު ތަންފީޒު ކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ. އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮށްގެން އެ ފައިސާ އެމީހާ އަތުން ލިބޭނެތޯ، ވިސްނާލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.






