ލުބުނާނުގައި ހިޒްބުاللهގެ މެމްބަރުން ގޮއްވާލުމަށް އިޒްރޭލުން އެތެރެ ކުރަން އުޅުނު 1300 ޕޭޖަރަށް ތުރުކީގެ ޖާސޫސީ އިދާރާ ނޭޝަނަލް އިންޓެލިޖެންސް އޮގަނައިޒޭޝަން (އެމްއައިޓީ) އިން ހުރަސް އެޅިކަމަށް ބުނެފިއެވެ. މި ޕޭޖަރުތައް ލުބުނާނަށް ގެންދިއުން ހުއްޓުވީ ޒަޔަނިސްޓުން ޙިޒުބުﷲއާ ދެކޮޅަށް ޕޭޖަރުތައް ގޮއްވާލައިގެން ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަ ކުރެވުނު ހަމަލަ ދިންތާ ދުވަސްކޮލެއް ފަހުންނެވެ.
ހުއްޓުވާފައި ވަނީ ގޮވާތަކެތި ބަރާކޮށްފައިވާ 1،300 ޕޭޖަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލުގެ އެ ޓެރަރިސްޓް ހަމަލައަށް އަހަރެއް ފަހުން ހާމަވި ތަފްސީލުތަކުން އެނގުނު ގޮތުގައި ހޮންކޮންގުން ލުބުނާނަށް ދިޔަ މަގުމަތީގައި އިސްތަންބޫލް އެއާޕޯޓުން 1،300 ޕޭޖާ ޑިވައިސް އާއި ގޮވާތަކެތި ހިމަނާފައިވާ 710 ޗާޖަރު އަތުލައި ގަތީއެވެ.
މި ޑިވައިސްތައް އަތުލުމަށް ހިންގި އޮޕަރޭޝަނަކީ އިޒްރޭލު ޓެރަރިސްޓް ހަމަލާއެއްގައި ލުބުނާނުގައި 51 މީހުން މަރުވެ 3،000 މީހުން ޒަހަމްވި ހަމަލާގެ ފަހުން ހިންގާފައިވާ އޮޕަރޭޝަނެކެވެ. އިޒްރޭލުގެ ޓެރަރިސްޓް ހަމަލާގައި އަންހެނުންނާއި ކުޑަކުދިންނާއި ފަރުވާގެ އެހީދޭ މީހުން ވެސް ހިމެނެ އެވެ.
ތުރުކީގެ ނޫސް ސަބާހު އިން ހާމަކުރި ގޮތުގައި އެމްއައިޓީއަށް މި ޝިޕްމަންޓާ ބެހޭ ތަފްސީލު ލިބި ބަނދަރުތަކާއި އެއާޕޯޓްތައް އިންސްޕެކްޓް ކުރަން ފެށިއިރު އެތަކެތި ޑެލިވަރީ ކުރަން ނިންމާފައި އޮތީ 27 ސެޕްޓެމްބަރަށެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކަށް އެނގުނު ގޮތުގައި ލުބުނާނަށް ދިން ޓެރަރިސްޓް ހަމަލައަށް އެއް ދުވަސް ކުރިން އިސްތަންބޫލަށް އައިސްފައިވާ މި ޝިޕްމަންޓުގެ ބަރުދަނުގައި 850 ކިލޯ ހުއްޓެވެ. 61 ފޮށި ހިމެނޭ މި ޝިޕްމަންޓް ކާބޯތަކެތީގެ ގޮތުގައި ލޭބަލް ކޮށްފައި ހުއްޓެވެ.






