ސަލާމަތީ މަޖިލީހުގެ ޖަލްސާ އޮތީ ސިއްރުކޮށްފައި

އދ.ގެ ސަލާމަތީ މަޖިލީހުން ބޭއްވި ސިއްރު ބައްދަލުވުމެއްގައި، އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އިތުރުވަމުންދާ ނުތަނަވަސް މައްސަލައާ މެދު މަޝްވަރާކުރެވުނެވެ. މި މައްސަލަ އުފެދިފައި ވަނީ އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި 26 އާންމު ރައްޔިތުން މަރުވެފައިވެއެވެ.

ސަލާމަތީ މަޖިލީހުގެ ވަގުތީ މެންބަރެއްކަމުގައިވާ ޕާކިސްތާނުގެ އެދުމުގެ މަތިން ބޭއްވުނު މި ނުރަސްމީ މަޝްވަރާގައި އެއްވެސް ޤަރާރެއް ނުވަތަ ބަޔާނެއް ފާސް ކޮށްފައެއް ނުވެއެވެ.

އިންޑިއާ ޕާކިސްތާން މައްސަލައާ މެދު ސަލާމަތީ މަޖިލީހުގެ ފަރާތުން ވަރަށް ފަރުވާތެރި އަދި ރައްކާތެރި ސިޔާސަތެއް ގެންގުޅޭކަން ހާމަވެގެން ދިޔައެވެ.

އިންޑިޔާއިން ކުރިން އދ. އަށް ކަނޑައަޅާފައި ހުރި ދާއިމީ މަންދޫބު ސައްޔިދު އަކްބަރުއްދީން ޕީޓީއައި އަށް ވިދާޅުވެފައިވަނީ، "ޕާކިސްތާނުގެ ބިރުދެއްކުން އަނެއްކާވެސް ނާކާމިޔާބުވެއްޖެ" ކަމަށެވެ. އިންޑިޔާގެ ޑިޕްލޮމަސީގެ ސަބަބުން ސަލާމަތީ މަޖިލީހުގެ މަސައްކަތަށް އަތްބޭނުމަށް ޕާކިސްތާނުން ކުރި މަސައްކަތް ބަލިކުރެވިއްޖެ ކަމަށެވެ.

ގްރީސްގެ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު އަދި ސަލާމަތީ މަޖިލީހުގެ ރައީސް އެވެންޖެލޮސް ސެކެރިސް މި ބައްދަލުވުން ސިފަކުރެއްވީ "އުފެއްދުންތެރި އަދި ބޭނުންތެރި" ބައްދަލުވުމެއްގެ ގޮތުގައެވެ. ނަމަވެސް ވަކި ނަތީޖާއެއް ނުނިކުތްކަމަށް ވިދާޅުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުކަށިކަން ކުޑަކުރުމުގައި ސަލާމަތީ މަޖިލީހުގެ ދައުރު އަދާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ސަލާމަތީ މަޖިލީހުގެ މައި މާލަމުގެ ބަދަލުގައި މަޝްވަރާކުރާ ކޮޓަރިއެއްގައި ބޭއްވުނު މި 90 މިނެޓުގެ ބައްދަލުވުމަކީ އެއްވެސް ޤާނޫނީ ބާރެއް ނެތް އަދި ރަސްމީ ރެކޯޑެއް ނުބެލެހެއްޓޭ ބައްދަލުވުމެކެވެ.

އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޚާލިދު މުޙައްމަދު ޚައިރީ ވަނީ އެކަމާ ގުޅޭ މައުލޫމާތު މަޖިލީހަށް ދެއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އެންމެން ގޮވާލާފައިވާ ކަމަށާއި، ނަމަވެސް އެއްވެސް ފަރާތެއް ކުށްވެރިކޮށްފައި ނުވާ ކަމަށެވެ.

ހިއްސާ ކުރައްވާ!