ގްރޭ ލިސްޓަށް ލާން އިންޑިއާއިން ގޮވާލައިފި

ފަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި، ޕާކިސްތާން އަލުން ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް)ގެ ގްރޭ ލިސްޓުގައި ހިމެނުމަށް އިންޑިއާއިން މަސައްކަތް ކުރަން ފަށައިފިއެވެ. މި މަސައްކަތަކީ ޕާކިސްތާނުގެ މާލީ ނިޒާމަށް ބާރު ފޯރުވުމަށް ކުރެވޭ ސްޓްރެޓެޖިކް މަސައްކަތެއްގެ ގޮތުގައި އިންޑިއާއިން ދެކެއެވެ. އެއީ އިންޑިއާއިން ބުނާ ގޮތުގައި ޕާކިސްތާނުގެ މާލީ ނިޒާމާއި ގުޅިފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމުގެ އަމަލުތަކާއެވެ.

މީގެ ކުރިން 2018 އިން 2022 އަށް ވެސް ޕާކިސްތާން އޮތީ ގްރޭ ލިސްޓުގައެއެވެ. އެލިސްޓްގައި ހިމެނުމުގެ ސަބަބުން ޕާކިސްތާނަށް ލިބުނު ގެއްލުމަކީ ޖީޑީޕީން ގާތްގަނޑަކަށް 38 ބިލިއަން ޑޮލަރު މަދުވުން ކަމަށް ލަފާކުރެވެއެވެ. އަދި މީގެ ސަބަބުން ޓެރަރިސްޓް ނެޓްވޯކްތަކަށް ލިބޭ ފައިސާވެސް މަދުވެގެން ދިޔައެވެ. އަދި އިމްރާން ޚާންގެ ސަރުކާރަށް ފިޔަވަޅު އަޅަން މަޖުބޫރުވެގެން ގިނަ ބަޔަކު މަނީ ލޯންޑަރިންއާއި ޓެރަރިޒަމްގައި ޖަލު ބަންދު ކުރެވުނެވެ.

އޭގެ އިތުރުން އިންޑިއާއިން އަދި ޕްލޭންކުރަނީ ޕާކިސްތާނަށް އައިއެމްއެފްއިން ދޭން ނިންމާފައިވާ 7 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމު ވެސް ވަގުތީ ގޮތުން މަޑު ޖައްސާލުމަށެވެ.

އިންޑިއއިން ދެކެނީ ހަރުދަނާ ބެލެހެއްޓުމެއް ނެތި ދޫކޮށްފިނަމަ، އެ ފައިސާ ޓެރަރިޒަމަށް ބޭނުންކުރެވިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

އެފްއޭޓީއެފްގެ މުހިންމު މެންބަރުން ކަމުގައިވާ އެމެރިކާ އާއި އެހެނިހެން ހުޅަނގުގެ ޤައުމުތަކަށް އިންޑިއާއިން ގޮވާލަނީ، ދުނިޔޭގެ މާލީ ނިޒާމުތައް ޓެރަރިސްޓް ގްރޫޕްތަކުން ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމަށް އިންޑިއާގެ ގޮވާލުމަށް އެއްބާރުލުން ދިނުމަށެވެ. ނަމަވެސް، ތަޖުރިބާކާރުން އިންޒާރުދެނީ އިޤްތިޞާދީ ބާރު ފޯރުވުމާއެކު ޑިޕްލޮމަސީވެސް ބޭނުންކުރަންޖެހޭނެ ކަމަށެވެ. އެއީ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ މި ދެ ވާދަވެރި ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރާށެވެ.

ދެކުނު އޭޝިއާގެ ސަލާމަތީ މައްސަލަތަކުގެ ސަބަބުން ދުނިޔޭގެ މާރކެޓްތަކަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އަސަރުކުރާނެ ކަމަށް ހުޅަނގަށް ފާހަގަ ވެއެވެ. އަދި ޕާކިސްތާން ޖަވާބުދާރީ ކުރުވުމަށް އިންޑިއާއިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ހުއްޓުމަށް ޚާއްސަ މަސައްކަތެއް ފަށަން ޖެހިފައި ވެއެވެ.

ހިއްސާ ކުރައްވާ!