އިންޑިއާއާއި ނިއުޒިލެންޑްގެ މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލައިފި

އިންޑިއާ އާއި ނިއުޒީލެންޑުން ފްރީ ޓްރޭޑް އެގްރީމަންޓެއް (އެފްޓީއޭ) ގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ބުރު ފެށިފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 5-9 އަށް ދިއްލީގައި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ބުނިގޮތުގައި މި މަޝްވަރާތަކުގެ މަގުސަދަކީ ދެގައުމުގެ ވިޔަފާރި އާއި އިންވެސްޓްމަންޓް ކުރިއެރުވުމެވެ.

އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލް އާއި ނިއުޒީލެންޑްގެ ޓްރޭޑް މިނިސްޓަރު ޓޮޑް މެކްލޭ ވިދާޅުވީ މާޗް 16 ވަނަ ދުވަހު ފަށާފައިވާ މި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ބިނާވެފައިވަނީ މާޗް މަހު ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށް ގެންދެވި ވާޗުއަލް މަޝްވަރާތަކާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިރުޝާދުގެ މައްޗަށެވެ.

މި މަޝްވަރާތަކުގައި މުދަލާއި ޚިދުމަތްތަކުގެ ވިޔަފާރިއަށް ދެ ފަރާތުން ބިނާ ކުރަނިވި ގޮތަކަށް މަގުފަހި ކުރުމާއި އިގްތިސާދީ ތަރައްގީއަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

ދެގައުމުގެ ވިޔަފާރި 2024-25 ވަނަ އަހަރު ވަނީ 1.3 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %48.6 އިތުރު އަދަދެކެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ސަބަބުން ދެ ފަރާތުން ބަދަލު ކުރާ ވިޔަފާރި އިތުރުވެ، ސަޕްލައި ޗޭން ރަނގަޅުވެ، އިންސާފުވެރި ވިޔަފާރީގެ މާހައުލެއް ގާއިމް ކުރެވޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ދެ ގައުމުގެ ވެސް އަމާޒު ހިފާފައި ވަނީ، 2025 ވަނަ އަހަރު އެއްބަސްވުން ފައިނަލް ކުރުމަށެވެ. އަދި ދެން ބާއްވާ މަޝްވަރާތައް ޖުލައި މަހު ބާއްވާނެއެވެ.

ހިއްސާ ކުރައްވާ!