ޓްރަމްޕް ކޮންމެހެން އިންޑިއާ ޕާކިސްތާންގެ ސުލްހައިގެ މެދުވެރިއަކަށް ވެގެން އުޅުއްވަން ޖެހޭކަމަށް ނުދެކޭ ކަމަށް އިންޑިއާއިން ބުނެފިއެވެ. ޕަހަލްގަމް ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ސިފައިންގެ ދެމެދު ހިނގި ހަމަލަ ބަދަލު ކުރުމުގެ ތެރޭގައި ކަޝްމީރުގެ މައްސަލައިގައި މެދުވެރިއެއްގެ ދައުރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުމާއި ވިޔަފާރިއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާއި ނިއުކްލިއާ ކޯޅުން ފިލުވައިދޭނެ ކަމަށް ވިދާޅުވި ވާހަކަތަކާ ދެކޮޅަށް އިންޑިއާ އިން ވާހަކަ ދައްކައިފިއެވެ.
ކަޝްމީރާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން މީޑިއާ ބްރީފިންގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޚާރިޖިއްޔާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ އިންޑިއާއާ ގުޅޭ ކޮންމެ މައްސަލައެއް ނިއުދިއްލީ އާއި އިސްލާމްއާބާދުން ދެ ގައުމުން އަމިއްލައަށް ހައްލުކުރަން ޖެހޭނެ ކަމަށް އިންޑިއާ ދެކޭ ކަމަށެވެ.
ހަތަރު ދުވަހުގެ އަސްކަރީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އިންޑިއާ އާއި ޕާކިސްތާނު އެއް ގަލަކަށް އެރުވުމަށް ވޮޝިންޓަނުން މެދުވެރިއަކަށްވި ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަވެސް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް (އެމްއީއޭ) އިން ވެސް ދޮގުކުރި އެވެ. އަދި އިންޑިއާއިން ކުރިންވެސް ބަޔާންކޮށްފައިވާ ޖައްމޫ ކަޝްމީރާ ބެހޭ ސިޔާސަތަށް އަދިވެސް ބަދަލެއް އައިސްފައެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މެއި މަހުގެ 11 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ޢަދާވާތްތެރިކަން ނިމުމަކަށް ގެނައުމުގެ ތާރީޚީ ނިންމުމަށް އެހީތެރިވެދެއްވި ކަމަށެވެ.




