ބައި-އިލެކްޝަންތައް އިތުރަށް މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާ ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ދަންވަރު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރީ އެންމެ ބައްދަލުވުމެއްގައި އަދި އެންމެ 11 މިނެޓުގެ ތެރޭގައެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ހުށަހެޅުއްވި މި ބިލުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ދައުރު ހަމަވާން 548 ދުވަސް ނުވަތަ ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ ކަމަށެވެ. މިއީ މިހާރު ޢަމަލުކުރަމުންދާ ގާނޫނުގައި ބުނާ އެއް އަހަރުގެ މުއްދަތު އިތުރުކޮށްފައިވާ އިސްލާހެކެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަންގާރަ ދުވަހު ބަލައިގަނެ، ރޭ ދަންވަރު މަސައްކަތް ނިންމާލާފައިވާކަން ފާހަގަކުރެވެއެވެ. މިއަދު މެންދުރު 13:30 އަށް ތާވަލުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާގެ އެޖެންޑާ ނިންމައި މެންބަރުންނަށް ފޮނުވާފައިވަނީ ރޭ ފަތިހު 3:13 އެހާކަންހާއިރުއެވެ.
މި އިސްލާހަކީ ބައި-އިލެކްޝަންތައް މަދުކޮށް، ޚަރަދުތައް ކުޑަކުރުމަށް ބޭނުންވާ ބިލެކެވެ. މިހިނގާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭ 17 ވަނަ ދުވަހުއެވެ.
ދައުރު ނިންމައި ޗުއްޓީއަށް ދިއުމުގެ ކުރިން މަސައްކަތްތައް ނިންމުމަށްޓަކައި ރޭ ވެސް މަޖިލީހުގައި އެކި ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ރޭ 9:00 ގައި ބޭއްވުނު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ހިމެނެއެވެ.



