ޗައިނާ ރޮބޮޓުން ޔޫރަޕްގެ ގައުމީ ސަލާމަތަށް ނުރައްކާ ކަމަށް ބުނެފި

ޗައިނާގައި އުފައްދާފައިވާ ރޮބޮޓުތަކުގައި ގޮތް ނޭނގޭ ކޯޑުތަކެއް އަޅާފައި  ހުރެދާނެކަމަށް ހުޅަނގުގެ މީޑިއާގެ ރިޕޯޓުތަކުގައި ބުނުމާ ގުޅިގެން، އެފަދަ ރޮބޮޓުތަކާ މެދު ޔޫރަޕަޕިއަން ޔޫނިއަންގައި ކަންބޮޑުވުން އިތުރުވަމުންދެއެވެ. މިކަމުގެ ސަބަބުން އެ ގައުމުތަކުގެ ސެކިއުރިޓީއަށް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ބުނެއެވެ.

އެންމެ ފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވަނީ ޗައިނާގެ ޔުނިޓްރީ ރޮބޮޓިކްސްއިން އުފައްދާފައިވާ ގޯ1 ކުއްތާ ރޮބޮޓުތަކުގައި ގޮތް ނޭނގޭ ކޯޑުތަކެއް އަޅާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ހުއްދައަކާ ނުލައި، ލައިވް ކެމެރާ ފީޑުތަކަށް ވަދެވޭނެއެވެ. އަދި ދުރުން އެތަކެތި ކޮންޓްރޯލްކުރެވޭނެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ.

މިކަމުގެ ސަބަބުން ސިނާއީ މަސައްކަތް ކުރާ ތަންތަނާއި އަދި ރިސަރޗް ފަދަ މަސައްކަތުގެ މުހިންމު ދާއިރާތަކަށް ޖާސޫސްކޮށް ޑޭޓާ ހޯދަފާނެ ކަމުގެ ބިރު އޮތް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ސަލާމަތީ ފަރާތްތަކުން ބުނެއެވެ.

ޔޫރަޕިއަން ޔޫނިއަންއަށް ޗައިނާގެ އިންވެސްޓްމަންޓްތައް ވަންނަ މައިގަނޑު އެއް ޤައުމު ކަމުގައިވާ ގްރީސްއަށް ޓެކްނޮލޮޖީ އިމްޕޯޓުކުރުމުގައި ފަރުވާތެރިވުމަށް، އަންގާފައި ވެއެވެ. އަދި، ޚާއްޞަކޮށް ޗައިނާއިން ކޮންޓްރޯލު ކުރާ ޕިރެއަސް ޕޯޓު ފަދަ ތަންތަނުގައި، އެފަދަ ކަންކަމަށް ހައްސާސް ވުމަށް ޔޫރަޕްގެ ޖަމާއަތުން ދަނީ ބާރުއަޅަމުންނެވެ.

ޔޫރަޕިއަން ޔޫނިއަނުން މަސައްކަތްކުރަމުންދަނީ ޗައިނާއަށް އަށް އެޑްވާންސްޑް ޓެކްނޮލޮޖީ ލިބުން ކޮންޓްރޯލު ކުރުމަށާއި އަދި ސެންސިޓިވް ޑޭޓާ ރައްކާތެރިކުރުމަށްޓަކައި ހަރުކަށި ޤަވާއިދުތަކާއި އެކްސްޕޯޓު ކޮންޓްރޯލްތައް ތަޢާރަފުކުރާށެވެ.

ޗައިނާއާ މެދު މިފަދަ ބިރުވެރިކަން ޖަމައަތުގެ ގައުމުތަކުން ފާޅުކުރެވެމުންދާއިރު، ޗައިނާގެ ޓެކްނޮލޮޖީއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން އަބަދުވެސް ގޮވާލަމުންދެއެވެ. ޗައިނާއާއި އެމެރިކާގެ ގުޅުންތައް ގޯސްވަމުންދާއިރު، ޔޫރަޕިއަން ޔޫނިއަނުން މަސައްކަތްކުރަމުންދަނީ ޗައިނާއާއެކު އޮންނަ އިޤްތިޞާދީ ގުޅުންތައް ޤައުމީ ސަލާމަތް ރައްކާތެރި ކުރެވޭ ފެންވަރެއްގައި ދަމަހައްޓާށެވެ.

ހިއްސާ ކުރައްވާ!