ޕަރޭޝް ރާވަލް، ވަނީ "ހީރާ ފޭރީ 3″ އިން ވަކިވެގެންފި ކަން އިއުލަން ކޮށްފައެވެ. ރާވަލް އެކްސްގައި ޕޯސްޓު ކޮށް ބުނެފައި ވަނީ "އަހަރެން ބޭނުންވަނީ ރެކޯޑަށްޓަކައި ބުނެލަން، 'ހީރާ ފޭރީ 3′ އިން އަހަރެން ވަކިވުމަށް ނިންމީ އުފެއްދުންތެރިކަމުގައި ޚިޔާލު ތަފާތުތަކެއް އޮތުމުގެ ސަބަބުން ނޫންކަން. އަހަރެން ތަކުރާރުކޮށް ބުނަން ބޭނުންވަނީ ފިލްމު ހަދާ ފަރާތާ މެދު އެއްވެސް އުފެއްދުންތެރިކަމުގެ ޚިޔާލު ތަފާތެއް ނެތްކަން. އަހަރެންގެ ހިތުގައި ފިލްމު ޑައިރެކްޓަރު ޕްރިޔާދަރްޝަންއަށް ވަރަށް ބޮޑު ލޯބިއާއި، އިޙްތިރާމާއި، އިތުބާރެއް އެބައޮތް." ރާވަލް ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕަރޭޝް ރާވަލް 'ހީރާ ފޭރީ 3′ އިން ވަކިވީ އޭނާ ބޭނުންވާ ވަރުގެ ފީއެއް އެފިލްމުގައި ދޭން އެއްބަސް ނުވުމުންނެވެ. މި ސިލްސިލާގެ މީގެ ކުރީގެ 2 ފިލްމުވެސް ކާމިޔާބު ވެފައި ވަނީ ރާވަލްއާ ހެއްޖެވެ.
މި ފިލްމުގެ ޕްރޮޑިއުސިއުރަކަށް އަކްޝޭ ކުމާރު ވެސް ހިމެނެއެވެ. އޭނާ ވެސް ވަނީ ރާވަލްގެ ފީ ބޮޑު ކުރުމުން އެކަމާ މެދު ނުރުހިފައެވެ.
މިމައްސަލަ މިހަރު ވަނީ ބޮލީވުޑްގައި ހޫނު މައްސަލައަކަށް ވެފައެވެ. އެކްޓަރު ސުނީލް ޝެއްޓީ، ވެސް ވަނީ ޕަރޭޝް ރާވަލް ކުއްލިއަކަށް ވަކިވުމުން އެއީ ވަރަށް ހައިރާން ކުރަނިވި ކަމެއް ކަމަށް ބުނެފައެވެ.
ހީރާ ފޭރީ ގެ ފުރަތަމަ ބައި އައީ 2000ގައެވެ. އެއަށް ފަހު ދެވަނަ ބައި 2006ގައެވެ.







