ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު 8 ޕަސެންޓަށް އިތުރުވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރަމުންދާކަން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8 ޕަސެންޓް އިތުރުވެފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 938،488 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 868،535 ފަތުރުވެރިންނަށްވުރެ 69،953 ފަތުރުވެރިން އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 110،711 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 101،318 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން 96،275 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މިގޮތުން 669،111 ފަތުރުވެރިން ނުވަތަ 71.3 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 218،107 ފަތުރުވެރިން ނުވަތަ 23.2 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް 175 ރިސޯޓާއި 841 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓާ ހިންގަމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!