ބޭރު އަނބިން ނުގަތުމަށް ޗައިނާއިން އިންޒާރު ދީފި

ބޭރު އަނބިން ނުގަތުމަށް ޗައިނާއިން އިންޒާރު ދީފި

ބަންގްލަދޭޝްގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު އިންޒާރެއްގައި، ޗައިނާގެ ރައްޔިތުންނަށް ގޮވާލާފައިވަނީ ޤާނޫނާ ޚިލާފަށް ބޯޑަރު ހުރަސްކޮށް ކުރެވޭ ކައިވެނިތަކުން ދުރުހެލިވުމަށާއި، އޮންލައިންކޮށް ކުރެވޭ ކައިވެނީގެ މުޢާމަލާތްތަކަށް ސަމާލުވުމަށެވެ.

ޗައިނާގެ ސަރުކާރުގެ "ގްލޯބަލް ޓައިމްސް" އިން ރިޕޯޓުކުރި ގޮތުގައި، އެމްބަސީން ޗައިނާގެ ރައްޔިތުންނަށް އިންޒާރު ދީފައިވަނީ ކުރު ވީޑިއޯ ޕްލެޓްފޯމްތަކުގައި ހުންނަ "ބޯޑަރު ހުރަސްކޮށް ޑޭޓިންގ" ކުރުމާ ބެހޭ މަކަރުވެރި މަޢުލޫމާތުތަކަށް ހެއްލިގެން ނުދިއުމަށާއި، ޗައިނާގެ ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ރަސްމީ ނޫން ނެޓްވޯކްތަކުން ނުވަތަ ވިޔަފާރި އުސޫލުން ހިންގާ މެޗްމޭކިންގ އޭޖެންސީތަކުން "ބިދޭސި އަނބިން" ގަތުމުގެ ވިޔަރާރި މުއމަލާތުގެ މަސައްކަތް ނުކުރުމަށެވެ.

މީގެ އިތުރުން، އެމްބަސީން ޗައިނާގެ ރައްޔިތުންނަށް ގޮވާލާފައިވަނީ "ބޭރު އަނބިން ގަތުމުގެ" ޚިޔާލު ދޫކޮށްލުމަށާއި، އަދި ބަންގްލަދޭޝްގައި ކައިވެނިކުރުމުގެ ކުރިން ރަނގަޅަށް ވިސްނުމަށެވެ.

މި އިންޒާރުތައް އައިސްފައިވަނީ ޗައިނާގައި އަންހެނުން ޓްރެފިކްކުރުމާ މެދު ކަންބޮޑުވުންތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ކުރިން ޢަމަލުކުރަމުން އައި އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތާއި ފިރިހެން ދަރިންނަށް އިސްކަންދޭ ސަގާފަތުގެ ސަބަބުން، ޗައިނާގައި ޖިންސުގެ ތަފާތު ބޮޑުވެފައިވެއެވެ. އަންދާޒާކުރެވޭ ގޮތުގައި 30 މިލިއަން ޗައިނާ ފިރިހެނުންނަށް އަނބިން ނުލިބި އެބަތިއްބެވެ.

މިއާއެކު، ކައިވެނީގެ ނިސްބަތް ދަށްވަމުން ދިއުމުގެ ސަބަބުން، ބޭރު އަނބިންނަށް އޮންނަ ޑިމާންޑް އިތުރުވެފައިވެއެވެ.

"ދަ ޑެއިލީ ސްޓާރ" އިން ފަހުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ބަންގްލަދޭޝް އަންހެނުން ކައިވެނީގެ ނަމުގައި ޗައިނާގައި ވިއްކާލެވިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހުއްޓެވެ. މި ޓްރެފިކިންގ އޮޕަރޭޝަންތައް ހިންގަނީ ކުށްވެރި ގްރޫޕްތަކުންނެވެ.

ޗައިނާ އެމްބަސީން ފާހަގަކުރި ގޮތުގައި، މި ކައިވެނިތަކުގެ ތެރެއިން ގިނަ ކައިވެނިތައް ހަމަޖައްސަނީ ޤާނޫނާ ޚިލާފު ޗެނަލްތަކުން ކަމަށާއި، މިކަމުގެ ސަބަބުން ނުރައްކާތެރި ޤާނޫނީ ނަތީޖާތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ހިއްސާ ކުރައްވާ!