ކެމިކަލް ފެކްޓްރީއެއްގައި އަލިފާނުގެ ހާދިސާއެއް. 5 މަރު

ޗައިނާގެ ޝަންޑޯންގ ޕްރޮވިންސްގައި ހުރި ގައޯމީ ޔޫދާއޯ ކެމިކަލް ކޯޕަރޭޝަންގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 5 މީހުން މަރުވެ، 19 މީހުން ޒަޚަމްވެ، އަދި 6 މީހުން ގެއްލިފައިވާ ކަމަށް ޗައިނާގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

ފަނިފަކުސަ މަރާ ޕެސްޓިސައިޑްތަކާއި މެޑިކަލް ކެމިކަލްތައް އުފައްދާ މި ކާރުޚާނާގައި ހިނގި މި ހާދިސާގެ ސަބަބުން، އެތަނާ 1 ކިލޯމީޓަރު ދުރުގައި ހުރި ގެތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވާ ކަމަށް ބުނެއެވެ. އަދި ކައިރީގައި ހުރި ގިނަ ގޭގެއަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ހާދިސާގައި ގެއްލިފައިވާ 6 މީހުން ހޯދުމުގެ މަސައްކަތް އެހީވާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި މި ހާދިސާ ހިނގި ސަބަބު ބެލުމުގެ ތަޙުޤީޤުތައް ވެސް ފެށިފައިވާ ކަމަށް ސަރުކާރުގެ ފަރާތްތަކުން ބުނެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި އޮރެންޖު އަދި ކަޅު ކުލައިގެ ދުމެއް ފެތުރުނު ކަމަށާއި އެކަމުން ނޭވާ ހާސްވެ އުދާސްވި ކަމަށް ބުނެފައި ވެއެވެ. އަދ، ތިމާވެއްޓަށް މީގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ބިރު ފާޅުކޮށްފައި ވެއެވެ. އެގޮތުން، ވައި އަދި ފެނުގެ ކޮލިޓީ ޓެސްޓުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިއީ ޗައިނާގައި މިފަދަ ހާދިސާތައް ހިނގާ ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު ޖިއާންގްސޫ ޕްރޮވިންސްގައި ހިނގި މިފަދަ ހާދިސާއެއްގައި 78 މީހުން މަރުވެފައިވެއެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވާފައިވެއެވެ.

މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.ADV

ހިއްސާ ކުރައްވާ!