ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އިންޑިއާއަށް ޒިޔާރަތްކުރައްވާފައިވާ ސްރީލަންކާގެ ޕާލިމެންޓް މެންބަރުންގެ ވަފުދަކާ އެކު އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖަޔަޝަންކަރު، މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕަހަލްގާމް ހަމަލާ ސްރީލަންކާގެ ވަފުދުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާ ހިތާމަކުރުމުން ޖަޔަޝަންކަރު އެކަން ފާހަގަކުރައްވައި ޝުކުރު އަސާކުރެއްވިއެވެ. އަދި އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށާއި، ސަރަޙައްދީ އެއްބާރުލުމާއި ތަރައްގީއަށް ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަން ފާހަގަކުރެވުނު ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ސްރީލަންކާގެ ތަރައްގީއާއި ކުރިއެރުމަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަން ކުރިއަށް ގެންދާނެކަން ޖަޔަޝަންކަރު އެ ޤައުމުގެ ވަފުދަށް ޔަގީންކޮށްދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަކީ އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މެއި 7 ގައި އިންޑިއާއިން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ސިންދޫރު" އާ ގުޅިގެން އިންޑިއާއިން ކުރިއަށް ގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުކުރެއްވުމެކެވެ. ޕާކިސްތާނުގެ އެހީތެރިކަމާއެކު ހިންގުނު މި ހަމަލާގައި 26 އިންޑިއާ އާންމުން މަރާލާފައި ވެއެވެ.






