ޗައިނާގެ އިޤްތިޞާދީ ހީނަރުކަން އިތުރަށް ފުޅާވަމުން:

ޗައިނާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ނުރައްކާ އިތުރަށް ފުޅާވަމުންދާ ކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރަމުންދާއިރު، ވިދިވިދިގެން ދެ މަސް ދުވަހު ތަކެތީގެ އަގުތައް ދަށަށް ގޮސްފައިވެއެވެ. އަދި އުފެއްދުންތެރިންގެ އަގުތައް ވޭތުވެދިޔަ 29 މަސް ދުވަހު ދަށަށް ގޮސްފައިވާއިރު، މާރިޗު މަހު އެންމެ ބޮޑު ދަށްވުމެއް ރެކޯޑުކޮށްފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި ޗައިނާގެ އުފެއްދުންތަކަށް ހުރި ޑިމާންޑް ދަށްވުމާއި، ޓެރިފްތައް އިތުރުވުމާއި، ޖިއޯޕޮލިޓިކަލް ގޮންޖެހުންތަކުގެ ސަބަބުން އެކްސްޕޯޓް ވިޔަފާރިތަކުން އުފައްދާ މުދާ ޤައުމުގެ އެތެރޭގެ ބާޒާރަށް ނެރެން ޖެހިފައިވެއެވެ. މިކަމުގެ ސަބަބުން ބާޒާރުގައި މުދަލުގެ ސަޕްލައި އިތުރުވެ، އަގުތައް އިތުރަށް ދަށަށް ދިއުމުގެ ފިއްތުން އިތުރުވެފައިވެއެވެ.

ޖޭޑީ.ކޮމް ފަދަ އީ-ކޮމާސް ޕްލެޓްފޯމްތަކުން 55 އިންސައްތައަށް ވުރެ ބޮޑެތި ޑިސްކައުންޓްތައް ދެމުންދާއިރު، ރައްޔިތުންގެ ހޭދަކުރުމުގެ އިތުބާރު ދަށްވެފައިވުމާއި، ވަޒީފާގެ ބާޒާރުގެ ބަލިކަށިކަމާއި، ރިއަލް އެސްޓޭޓް ދާއިރާގެ ދަތިތަކުގެ ސަބަބުން ތަކެއްޗަށް ހުރި ޑިމާންޑް ވަނީ ދަށްވެފައެވެ.

ވިޔަފާރިތަކުގެ ފައިދާ ދަށްވެ، ވަޒީފާތައް މަދުވެ، ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން ޗައިނާގެ އިޤްތިޞާދު ހީނަރުވަމުންދާ ކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ. ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމަށް އަޅާ ފިޔަވަޅުތައް މަޑުޖެހިފައިވުމުގެ ސަބަބުން މި ހާލަތު އިތުރަށް ދިގުދެމިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ޑިމާންޑް އިތުރުކޮށް، އަމިއްލަ ވިޔަފާރިތަކުގެ އިތުބާރު އިތުރުކުރުމަށް އަމާޒުކޮށްގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަކީ މިވަގުތު ކޮންމެހެން މުހިންމު ކަމެއް ކަމުގައި އިޤްތިޞާދީ މާހިރުން ދެކެއެވެ.ADV

ހިއްސާ ކުރައްވާ!