މިސްރު މީހުން ކުދިން ހޯދުމާ ދުރަށް

މިސްރުގެ ތަފާސްހިސާބާ ބެހޭ އިދާރާއިން ބުނަނީ މީގެ ކުރިން ދުވަހަކުވެސް މިސްރުގައި އަންހެނުން ދަރިން ވިހާ ނިސްބަތް ދަށްނުވާހައި މިންވަރަކަށް މިހާރު އެނިސްބަތް ދަށްވެފައިވާ ކަމަށެވެ. ވިހެއުން މަދުވުމުގެ ސަބަބުން މިސްރުގެ އާބާދީއަށް އިތުރު ވާން ޖެހޭ 2 މިލިއަން ވަނީ މަދުވެފައެވެ.

2024 ވަނަ އަހަރު ވިހެއުމުގެ ނިސްބަތް އުޅެނީ އަންހެނަކަށް އެވަރެޖުކޮށް 2.41 އަށް ދަށްވެފައެވެ.

މީހުން ކުދިން ހޯދަން ބޭނުން ނުވާ ސަބަބުތަކެއް ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާއިން ބުނަނީ އިގްތިސާދީ ދަތިކަމެވެ. މިސްރުގެ ފައިސާގެ އަގު ވެއްޓުން 34 އިންސައްތައަށް އަރާފައި ވެއެވެ. މާނައަކީ މިހާރު މިސްރުގައި ޑޮލަރަކަށް ލިބެނީ 50 ޕައުންޑެވެ. ޑިމޮކްރެސީ ގެނައުމުގެ ކުރިން މިސްރުގައި ޑޮލަރަކަށް ލިބުނީ 3 ޕައުންޑެވެ.

މިސްރުގެ ސީސީގެ ރައީސްކަމުގައި ދިރިއުޅުން ދަތިވެފައިވާ މިންވަރު ކިޔައިދެމުން، މީހުން ބުނަނީ 16 ގަޑިއިރު މަސައްކަތް ކޮށްގެން މަހަކަށް ލިބެނީ 11 ހާސް ޕައުންޑު (3400 ރުފިޔާ) ކަމަށެވެ. އަދި ކުއްޖަކަށް ޓިއުޝަނަށް 2،000 ޕައުންޑު ދައްކަން ޖެހޭ ކަމަށާއި ކަރަންޓާއި ފެނަށް 1،500 މިސްރު ޕައުންޑު ދައްކަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން އިގްތިސާދީ ދަތިތަކާ ހެދި، މީހުން ދަނީ ކައިވެނި ކުރުން ލަސް ކުރަމުންނެވެ. އަދި މިހާލަތުގައި އަންހެނުން ކިޔެވުމަށް މަސައްކަތް ކުރާ މިންވަރު އިތުރުވެފައިޥާ ކަމަށްވެސް ދައްކައެވެ.

ވޯލްޑް ބެންކުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިސްރުގެ 33 އިންސައްތަ މީހުންނަކީ ފަގީރުންނެވެ.

ހިއްސާ ކުރައްވާ!