ހޮންކޮންގުގެ ދަރިވަރުން އަމިއްލައަށް މަރުވާ ރޭޓް އިތުރުވެއްޖެ

ހޮންކޮންގުގައި ދަރިވަރުން އަމިއްލައަށް މަރުވާ ރޭޓް ކަންބޮޑުވާ މިންވަރަކަށް އިތުރުވެއްޖެއެވެ. 2025 ވަނަ އަހަރު ޝައްކުކުރެވޭ 15 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ރޭޓަށްވުރެ އިތުރު އަދަދެކެވެ.

ކިޔަވާ ކުދިން އަމިއްލައަށް މަރުވަނީ، ތައުލީމީ ޕްރެޝަރާއި، ނަފްސާނީ ސިއްހަތަށް ދިމާވާ އުނދަގޫތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާ ގުޅިގެންނެވެ. ވާދަވެރި ތައުލީމީ ނިޒާމަކާއި އާއިލާތަކުން ކުރާ މަތިވެރި އުންމީދުތަކުގެ ސަބަބުން ދަރިވަރުންނަށް އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިފައި ވެއެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ނަފްސާނީ ސިއްހަތުގެ އެހީތެރިކަން ނުލިބުމުން މައްސަލަ އިތުރަށް ގޯސްވެއެވެ.

މި ކަމާ ގުޅިގެން ސްކޫލްތަކާއި ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. އަދި ސްކޫލުލުތަކާއި ތައުލީމީ އިދާރާތަކުން އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށްވެސް ބުނއެވެ.

ނަފްސާނީ ސިއްހަތާ ގުޅިގެން ކުރިމަތިވާ އިޖުތިމާއީ ހުތުރުނަން ކުޑަކުރުމަށް ކައުންސެލިންގެ ހިދުމަތްތަކާއި ސްޓްރެސް މެނޭޖްމަންޓް ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ކެމްޕޭންތައް މިހާރަށް ވުރެން ރަނގަޅަށް ހިންގުމަށް ތަޖުރިބާކާރުން ގޮވާލަ އެވެ. ދަރިވަރުންގެ ކިބައިން ހާސްކަމުގެ އަލާމާތްތައް ފެންނަން ހުރިތޯ ބެލުމަށް ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް އިލްތިމާސް ކުރެ އެވެ.

ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް ހައްލުތައް ތަންފީޒު ކުރަން ލަސްވަމުން ދާކަމަށް ވެސް ބެލެނިވެރިން ބުނެއެވެ. ކޮމިއުނިޓީ ގްރޫޕްތަކުން ސަޕޯޓް ނެޓްވޯކްތަކާ އެކު ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް، އިތުރުވަމުން އަންނަ އަދަދުތަކުން ދައްކަނީ ޒުވާނުންގެ ދިރިއުޅުން ރައްކާތެރި ކުރުމަށް ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ހިއްސާ ކުރައްވާ!