ޖީ7 އިންވައިޓާއެކު އިންޑިއާއާއި ކެނެޑާގެ ގުޅުން ރަނގަޅުވެދާނެ

އަލްބަރޓާގައި މިމަހު ބާއްވާ ޖީ7 ސަމިޓަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އިންޑިއާ ބޮޑު ވަޒީރަށް ދައުވަތ ދެއްވުމުން، އިންޑިއާއާއި ކެނެޑާގެ ގުޅުން ތާޒާވުމަށް އިޝާރާތެއް ދެއްވައިފި އެވެ. ޚާލިސްތާނީގެ ހަރަކާތްތައް ފޮލޯކުރާ ނޫސްވެރިޔާ މޮޗާ ބެޒިރްގަން ބުނަނީ ޚާލިސްތާނީ ޖަމާއަތްތަކުން ކާނީއަށް ޕްރެޝަރު ކުރަމުންދަނީ  މޮދީއަށް އެރުވި ދައުވަތު ކެންސަލް ކުރުމަށް ކަމަށާއި ނޫން ނަމަ އެމީހުންގެ ވަކިވެގަތުމުގެ ހަރަކާތް ބަލިކަށިވާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

ކެނެޑާއާއި އިންޑިއާގެ ދެ ޑިމޮކްރަސީގެ މެދުގައި ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ފާޅުކުރައްވަމުން މޮދީ ވަނީ މި ދައުވަތު ގަބޫލުކުރައްވާފައެވެ.

ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުންތައް ގޯސްވީ 2023 ވަނަ އަހަރު ޚަލިސްތާނީ ލީޑަރު ހަރުދީޕް ސިންގް ނިޖާރު މަރާލި ކަމަށް ކެނެޑާއިން އިންޑއާއަށް ތުހުމަތު ކުރުމުންނެވެ.

ހާއްސަކޮށް ސަމިޓް ބާއްވާ ވަގުތު ނިޖާރު މަރާލި ހާދިސާގެ އަހަރީ ދުވަސް ކައިރިވެފައިވާއިރު މުޒާހަރާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެޒިރްގާން ފާހަގަކުރެއެވެ.

ކާނީގެ މި ދައުވަތަކީ އިންޑިއާއަށް ލިބުނު ޑިޕްލޮމެޓިކް ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ. އަދި ޚާލިސްތާނީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ކާނީގެ ސަރުކާރުން އަޅާ ފިޔަވަޅަކަށްވި ނަމަވެސް އިތުބާރާއި އެއްބާރުލުން އަލުން ބިނާކުރުމުގެ އަމާޒު މިކަމުން ހިފާފައިވާ ކަމަށް ބެލެވެ އެވެ. މި ސަމިޓުގައި ބާޣީންގެ ދެކޮޅު ހެދުންތައް މެނޭޖްކޮށްފިނަމަ ދެގައުމުގެ ދެމެދުގައި ރަނގަޅު ގުޅުންތަކެއް އުފެދިދާނެ ކަމަށް ބެލެވެ އެވެ.

ހިއްސާ ކުރައްވާ!