އަހުމަދުއާބާދު އެއާޕޯޓު ކައިރިއަށް ވެއްޓުނު އެއާއިންޑިއާ މަތިން ދާބޯޓުން އިނގިރޭސިވިލާތުގެ ރައްޔިތަކު ސަލާމަތް ވެފައިވާ ކަމަށް ގުޖުރާތު ފުލުހުން ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުމުން ސަލާމަތްވި ހަމައެކަނި މީހަކީ ލަންޑަނުގައި ދިރިއުޅޭ އަދި އާއިލާއަށް ޒިޔާރަތް ކުރަން އަހުމަދުއާބާދަށް ދަތުރު ކުރި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އިންޑިއާ ދަރިކޮޅުގެ އުމުރުން 40 އަހަރުގެ ވިޝްވާޝް ކުމާރު ރަމޭޝް އެވެ. އޭނާ ބުނީ ވޭތުވެދިޔަ 20 އަހަރު ލަންޑަނުގައި ދިރިއުޅެމުން އަންނަ ކަމަށާއި އިންޑިއާއަށް ދަތުރު ކުރީ ބޭބެއާއެކު ކަމަށެވެ. އޭނާވެސް ބޯޓުގައި އިން ކަމަށް ބުންޏެވެ.
ރަމޭޝް ކިޔައި ދިން ގޮތުގައި ބޯޓު ނައްޓާލިތާ ތިރީސް ސިކުންތު ފަހުން ބާރު އަޑެއް އިވުމާ އެކު ބޯޓު ވެއްޓުނީއެވެ. އަދި ހުރިހައި ކަމެއްވެސް ވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް ބުންޏެވެ.
ހިންދުސްތާން ޓައިމްސްއާ ވާހަކަ ދައްކަމުން ރަމޭޝް ބުނީ އޭނާއަށް ވީ އަނިޔާއަކީ ޖެހިގެން ތަންތަނަށް ތަދުވުމެވެ. އަދި އޭނާގެ ހޭވެރިކަން ހުރިކަމަށް ބުންޏެވެ. އޭނާގެ އަތުގައި އޭނާގެ ބޯޑިން ޕާސްވެސް އޮތެވެ.
އޭނާ އެ ހާދިސާއަށް ފަހު ތެދުވިއިރު ވަށައިގެން ފެނުނީ މަރުވެފަވާ މީހުންތަކެއް ކަމަށާއި އެއަށްފަހު ބިރުން ދުއްވައި ގަތީކަމަށް ބުންޏެވެ. އަދި މީހަކު އޭނާ ހިފަހައްޓައި އެމްބިއުޅާސްލައި ހަސްފަތާލަށް ފޮނުވީކަމަށް ބުންޏެވެ.
މިހާދިސާގައި 290 މީހުން މަރުވެފައި ވެއެވެ.
ބޯޓު ވެއްޓުނީ މެޑިސިން ކިޔަވާ ކުދިން ތިބޭ ހޮސްޓެލްއެއްގެ މައްޗަށެވެ. އެތަނުން 5 ކުދިން މަރުވެ 50 މީހުން ޒަޚަމްވެފައި ވެއެވެ.
އިންޑިއާ ސިފައިން ވަނީ ޑޮކްޓަރުންނާއި އެހީ ދޭ މީހުންގެ 130 މީހުން ހާދިސާ ހިނގިތަނަށް ފޮނުވާފައެވެ.







