އިންޑިއާގެ އަހުމަދުއާބާދުގެ އެއާޕޯޓުން ފުރި ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވީ 11 އޭ ނަންބަރު ގޮނޑީގައި އިންމީހާ އެކަންޏެވެ. އެވހަކަ މީޑިއާގައި އާންމު ވުމުން މީގެ 27 އަހަރު ކުރިން ބޯޓެއް ވެއްޓި ސަލާމަތްވި ތައިލެންޑްގެ އެކްޓަރު އަދި ލަވަކިޔުންތެރިއަކު ވަނީ އޭނާވެސް ބޯޓު ވެއްޓުނު ހާދިސާއެއްގައި ސަލާމަތްވީ އެ ގޮނޑީގައި އިނުމުން ކަމަށް ބުނެފައެވެ.
ޑިސެމްބަރު 11، 1998 ގައި ތައި އެއާވޭސްގެ ފްލައިޓް ޓީޖީ261 ގެ ދަތުރުގައި ތައިލެންޑްގެ ދެކުނުގައި ޖައްސަން އުޅެނިކޮށް ޗަސްބިމަކަށް ބޯޓު ވެއްޓި، ބޯޓުގައި ތިބި 146 މީހުންގެ ތެރެއިން 101 މީހުން މަރުން ސަލާމަތްވި އެވެ.
މިހާރު އުމުރުން 47 އަހަރުގެ ރުއަންގްސަކް ބުނަނީ އެ ހާދިސާގައި އޭނާ ސަލާމަތް ވެފައި ވަނީ އެއާ އިންޑިއާ ފްލައިޓް އެއައި171 ބޯޓު ވެއްޓުމުން ސަލާމަތްވި އިންޑިއާ އިނގިރޭސި މީހެއް ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝް ވެސް އިން ގޮނޑީގައި އިނދެގެން ކަމަށެވެ.
ތައިލެންޑްގެ ފޭސްބުކް ޕޯސްޓެއްގައި ރޫއަންގްސަކް ލިޔެފައި ވަނީ "އިންޑިއާ ބޯޓު ވެއްޓުމުން ސަލާމަތްވި މީހާ އިށީނީ އަހަރެންނާ އެއް ގޮނޑިއެއް ކަމަށްވާ 11އޭ ގައި" ކަމަށެވެ.
އެއާ އިންޑިއާ ބޮއިންގް ޑްރީމްލައިނާ ބޯޓު ވެއްޓުނީ ބުރާސްފަތި ދުވަހު އަހުމަދުއާބާދު އެއާޕޯޓުން އުދުހިގަތްތާ މާގިނަ އިރުތަކެއް ނުވެ އެވެ. ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތްވީ ހަމައެކަނި ރަމޭޝް އެވެ.
ރޫއަންގްސާކްގެ އަތުގައި 1998 ވަނަ އަހަރުގެ ބޯޑިން ޕާސް މިހާރު ނެތެވެ. ނަމަވެސް އޭނާ ބުނަނީ ނޫސްތަކުގެ ރިޕޯޓްތަކުން އޭނާގެ ގޮނޑީގެ ނަންބަރާއި ދިރިހުރިކަން ކަށަވަރުވާނެ ކަމަށެވެ.
ބޯޓު ވެއްޓުނު ފަހުން ރޫއަންގްސާކް ވަނީ 10 އަހަރު ވަންދެން އުދުހޭބޯޓެއްގައި ދަތުރު ކުރުމުން ދުރުހެލިވެފައެވެ.
އޭނާ ވަނީ އެ ހާދިސާއިން ސަލާމަތްވެގެން އޭނާއަށް "ދެވަނަ ދިރިއުޅުމެއް" ލިބުނު ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ އެއާ އިންޑިއާ ބޯޓު ވެއްޓުމުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ.
ރަމޭޝް ސަލާމަތްވި ވާހަކައިގެ ސަބަބުން މިހާރު އެމަޖެންސީ އެގްޒިޓް ސީޓްތަކަށް ޝައުގުވެރިކަން އިތުރުވެފައި ވެއެވެ. އަދި ވަކިން ހާއްސަކޮށް 11އޭ އަށް ޝައުގުވެރިކަން އިތުރުވެފައިވާ ކަން ފާހަގަ ވެއެވެ.




