ރަޝިޔާއިން ޑިޖިޓަލް ރުބެލް ތައާރަފް ކުރަން ނިންމައިފި

ރަޝިޔާގެ މަރުކަޒީ ބޭންކް ކަމަށްވާ ބޭންކް އޮފް ރަޝިޔާއިން، ޑިޖިޓަލް ރުބެލް ތައާރަފުކުރުމަށްޓަކައި އެގައުމުގެ ޕާލިމެންޓްގެ ދަށުގެ ކަމަށްވާ ސްޓޭޓް ޑޫމާއަށް ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ. މިހުށަހެޅުންތަކުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިޖިޓަލް ރުބެލް ތައާރަފްކޮށް އެއަށް އަމަލުކުރަން ފަށާނެއެވެ.

ބޭންކް އޮފް ރަޝިޔާގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ރަޝިޔާގެ އެންމެ ބޮޑެތި ބޭންކުތަކުން އެމީހުންގެ ކަސްޓަމަރުންނަށް ގައުމީ ޑިޖިޓަލް ފައިސާއިން މުއާމަލާތްކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެއެވެ.

ފާއިތުވި އަހަރުގެ އާމްދަނީ 120 މިލިއަން ރުބެލް (1.9 މިލިއަން ޑޮލަރު) އަށްވުރެ ގިނައިން އާމްދަނީ ލިބުނު ވިޔަފާރި ކުންފުނިތަކުންވެސް ޑިޖިޓަލް ރުބެލް ބޭނުންކުރުމަށް އެތާރީޚާ ހަމައަށް އެމީހުންގެ އިންފްރާސްޓްރަކްޗާ ތައްޔާރު ކުރަން ވާނެއެވެ. އަދި މުދަލާއި ޚިދުމަތަށް ފައިސާ ދެއްކުމަށް ގައުމީ ޑިޖިޓަލް ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު އެކުންފުނިތަކުން ހަމަޖައްސަން ޖެހޭނެއެވެ.

ލައިސަންސް ލިބިފައިވާ ރަޝިޔާގައި އޮޕަރޭޓް ކުރާ ބޭންކުތަކާއި، އެ ބޭންކުތަކުގެ ކަސްޓަމަރުންގެ ތެރެއިން އަހަރީ އާމްދަނީ 30 މިލިއަން ރުބެލްއަށް ވުރެ އިތުރަށް ލިބިފައިވާ ފަރާތްތައްވެސް މި ނިޒާމަށް ވަންނަން ޖެހޭނެއެވެ.

މި އެންމެހައި ފަރާތްތައް މި ނިޒާމަށް ވަނުމުގެ އެންމެ ފަހު ތާރީޚަކީ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ.

ބާކީ ދެން ތިބި ހުރިހާ ބޭންކުތަކަކާއި، އަހަރީ އާމްދަނީ 30 މިލިއަން ރުބެލްއަށްވުރެ މަދުން ލިބޭ ވިޔަފާރިތައްވެސް 2028 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިނިޒާމަށް އަމަލު ކުރަން ވާނެއެވެ. ނަމަވެސް، އަހަރީ އާމްދަނީ 5 މިލިއަން ރުބެލްއަށްވުރެ މަދު ފަރާތްތައް މިއިން އިސްތިސްނާވާނެއެވެ.

ޑިޖިޓަލް ރުބެލް ތައާރަފުކުރުމުގެ މަގްސަދަކީ، ރަޝިޔާގެ ފައިސާގެ ނިޒާމު އިތުރަށް ތަރައްގީކޮށް، ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށް، ރައްކާތެރިކަން އިތުރުކުރުން ކަމަށް ބޭންކް އޮފް ރަޝިޔާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!