އީރާނުން ގިނަ އަދަދެއްގެ އަފްޣާން ރެފިއުޖީން ބޭރުކޮށްފި

އާދަޔާ ޚިލާފް ފިޔަވަޅެއްގައި ސައްޙަ ލިޔެކިޔުންތައް ނެތް އަފްޣާން ރެފިއުޖީންގެ ޖުމްލަ 33،000 މީހުން އިއްޔެ އީރާނުން އަފްޣާނިސްތާނަށް ފޮނުވާލައިފި އެވެ.

ހީރާތުގައި ހުންނަ ތާލިބާނުންގެ ޑިރެކްޓަރު އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ އަހުމަދުالله މުއްތަގީ ވަނީ އަފްޣާނިސްތާން މުހާޖިރުން ބަސްތަކުގައި ގެނަސްފައިވާ ކަމަށް ބުނެފައެވެ.

އީރާނުން ވަނީ ސައްހަ ލިޔުންތައް ނެތް އަފްޣާން މީހުން، ޖުލައި 5 ގެ ކުރިން އީރާނުން ބޭރުވުމަށް އަންގާފައެވެ. އީރާނުގެ ނޭޝަނަލް ޕޮލިސް ކޮމާންޑުން ބުނެފައި ވަނީ އެ މުއްދަތަށް ފަހު ތިބޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީރާނުގައި ތިބުމުގެ ހުއްދަ ދީފައިވާ އަފްޣާން މުހާޖިރުންނަކީ، ޔުނިވާސިޓީ ދަރިވަރުންނާއި، ނިކަމެތި އަންހެނުންނާއި، އީރާނުގެ މީހަކަށް ލިބިފައިވާ އަފްޣާން ނަސްލުގެ ދަރިންނާއި، ވަޒީފާއެއްގައި އުޅޭ އަފްޣާނިސްތާނުގެ މީހުންނެވެ. އަދި އެނބުރި ދިއުމުން ފުރާނައަށް ނުރައްކާ ވެދާނެފަދަ އަންހެނުންނަށްވެސް އީރާނުގައި ތިބުމަށް ފުރުސަތު ދީފައި ވެއެވެ. އަދި ލިޔެކިޔުން ނެތް މީހުން ހިލޭ ސާބަހަށް ގައުމުން ބޭރުވެފައި ވަޒީފާގެ ލިޔުން ހޯދައިގެން އަނބުރައި އެތެރެ ވާން ބޭނުން ނަމަ ވިސާ ލިބޭނެކަމަށްވެސް ބުނެފައި ވެއެވެ.

އީރާންގެ ޤާނޫނުގައިވާ ގޮތުން މީހާ އީރާނަށް އުފަންވުމަކީ އީރާނުގެ ރައްޔިތުކަން ލިބޭ ކަމެއް ނޫނެވެ. ނަމަވެސް ކުއްޖާގެ ބައްޕައަކީ އީރާނުގެ މީހެއްނަމަ އަދި މައިންބަފައިންގެ ކައިވެންޏަކީ ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ކައިވެންޏެއްނަމަ އެ ކުއްޖާއަކީ އީރާނުގެ ރައްޔިތެއްކަމުގައި ބަލައި، އެ ކުއްޖާއަށް އައިޑީ ކާޑް ހަދައި ދެއެވެ. އަދި މަންމައަކީ އީރާނު ރައްޔިތަކަށް ވެފައި، ބައްޕައަކީ ބިދޭސީ ރައްޔިތެއް ކަމުގައިވާ ހާލަތްތަކުގައި ކައިވެނި ރަޖިސްޓްރީ ނުކުރިޔަސް މަންމަގެ އާއިލާއަށް ނިސްބަތްކޮށް އެކުއްޖާއަށް އައިޑީ ކާޑެއް ހަދައި ދޭނެއެވެ.

ހިއްސާ ކުރައްވާ!