އިންޑިއާގެ ޚާއްސަ އިޤްތިޞާދީ ޒޯންތައް ބެހިފައިވާ ގޮތުން ތަފާތު ބޮޑުކަމަށް ދައްކާ

އިންޑިއާގެ ޚާއްސަ އިޤްތިޞާދީ ޒޯން (އެސް.އީ.ޒެޑް) ތައް ބެހިފައިވާ ގޮތުން އެ ޤައުމުގެ ސަރަޙައްދުތަކުގެ މެދުގައި އިޤްތިޞާދީ ތަފާތުތައް ބޮޑުވެފައިވާކަން ފާހަގަވެފައެވެ. މި މަޢުލޫމާތުން ދައްކާ ގޮތުގައި، އެންމެ ގިނަ އެސް.އީ.ޒެޑް ހުރީ ޓެމިލްނާޑޫގައެވެ. އެއީ 51 އެސް.އީ.ޒެޑް އެވެ.

އަދި ދެވަނަ އަށް އެންމެ ގިނަ އެސް.އީ.ޒެޑް ހުރީ ޓެލަންގާނާ އާއި މަހާރާޝްޓްރާ ގައެވެ. މި ދެ ސްޓޭޓްގައިވެސް 38 އެސް.އީ.ޒެޑް ހުރެއެވެ. ކަރްނާޓަކާގައި 37، އަދި އާންދުރަ ޕްރަދޭޝްގައި 25 އެސް.އީ.ޒެޑް ހުރެއެވެ. ގުޖަރާތުގައި 21، ކެރަލާގައި 20، އަދި އުއްތަރު ޕްރަދޭޝްގައި 14 އެސް.އީ.ޒެޑް ހުރި ކަމަށް ދައްކައެވެ. ނަމަވެސް ބިހާރުގައި އެއްވެސް އެސް.އީ.ޒެޑެއް ނެތެވެ.

ގިނަ ބަޔަކު ދެކެނީ، ބިހާރުގައި އެސް.އީ.ޒެޑެއް ނެތުމަކީ އެތައް އަހަރެއްގެ ސިޔާސީ އިހްމާލުގެ ނަތީޖާ އެއް ކަމަށެވެ.

އިންޑިއާއިން އެސް.އީ.ޒެޑްގެ ގާނޫނު ތައާރަފް ކުރީ 2005 ވަނަ އަހަރު އެވެ. އަދި އެސް.އީ.ޒެޑްގެ ފައިދާ މައިގަނޑު ގޮތެއްގައި ލިބިފައިވަނީ ދެކުނުގެ ސްޓޭޓްތަކަށެވެ.

2019 ވަނަ އަހަރު ވޯލްޑް ބޭންކުން ކުރި ދިރާސާއަކުން ފާހަގަކުރި ގޮތުގައި، ބިހާރު ފަދަ ސްޓޭޓްތަކުގައި އެސް.އީ.ޒެޑް ތަރައްޤީ ވެފައި ނުވަނީ ސަރުކާރު ހިންގުމުގެ މައްސަލަތަކުގެ ސަބަބުންނެވެ.

2023 ވަނަ އަހަރުގެ ރިޕޯޓަކުން ދައްކާ ގޮތުގައި، ބިހާރުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރަކީ، 550 ޑޮލަރެވެ. ނަމަވެސް ޓެމިލްނާޑޫގެ ޖީޑީޕީ ބޮލަކަށް ޖެހޭ މިންވަރަކީ 2,800 ޑޮލަރެވެ.

މާހިރުން ލަފާދޭ ގޮތުގައި، އެސް.އީ.ޒެޑް ތަކަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް އިޤްތިޞާދަށް ކުރިއެރުން ގެނެސްދޭނެ ކަމެކެވެ. ނަމަވެސް މިކަން ހާސިލްކުރުމަށްޓަކައި ރަނގަޅު އިންފްރާސްޓްރަކްޗަރ އާއި ސިޔާސަތުތަކަށް ސަމާލުކަން ދޭންޖެހެއެވެ.

ހިއްސާ ކުރައްވާ!