އިންޑިއާގެ މޮބައިލް ދާއިރާގައި ބޮޑެތި ބަދަލުތަކެއް

އިންޑިއާގެ ޓެލެކޮމް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް އިންޑިއާ އިން 2025 ވަނަ އަހަރުގެ މޭ މަހު ސަބްސްކްރައިބަރުންގެ ދަފްތަރު އާންމު ކުރުމުން އެ ގައުމުގެ މޮބައިލް ފޯނު ހިދުމަތްދޭ ކުންފުނިތަކުގެ ތަފާތު ހާމަވެގެން ހިނގައްޖެއެވެ. މި ދަފްތަރުން ދައްކާ ގޮތުގައި، އިންޑިއާގެ ޓެލެކޮމް މާކެޓްގައި ޕްރައިވެޓް ކުންފުނިތަކުގެ ދައުރު ދަނީ އިތުރަށް ބޮޑުވަމުންނެވެ.

މޭ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރިލަޔަންސް ޖިއޯ އިން ވަނީ 2.7 މިލިއަން އާ ސަބްސްކްރައިބަރުން އިތުރުކޮށްފައެވެ. މިއީ އެންމެ ގިނަ އަދަދެއްގެ ކަސްޓަމަރުން އިތުރުކުރި ކުންފުންޏެވެ.

ބާރތީ އެއާޓެލް އިން ވެސް ވަނީ 275,000 ކަސްޓަމަރުން އިތުރުކޮށްފައެވެ. ނަމަވެސް، ވޮޑާފޯން އައިޑިއާ (VI) އިން ވަނީ 274,000 ސަބްސްކްރައިބަރުން މަދުވެފައެވެ. ހަމައެފަދައިން، ސަރުކާރު ހިއްސާވާ ބީ.އެސް.އެން.އެލް (BSNL) އަށް 1.35 ލައްކަ ކަސްޓަމަރުން ވަނީ ގެއްލިފައެވެ. މިކަމުން ދައްކަނީ ސަރުކާރު ކުންފުނިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ.

މާކެޓް ހިއްސާއަށް ބަލާއިރު، ޖިއޯއަކީ އިންޑިއާގެ ޓެލެކޮމް ދާއިރާގެ 50.44  އިންސައްތަ ހިއްސާ ކުރާ ކުންފުންޏެވެ.

އެއާޓެލްގެ މާކެޓް ހިއްސާ އުޅެނީ 30.62 އިންސައްތައި ގައެވެ. ވޮޑާފޯން އައިޑިއާ އަދި ބީ.އެސް.އެން.އެލް ދަނީ ފަހަތަށް ޖެހެމުންނެވެ.

ވޮޑާފޯން އައިޑިއާގެ މާކެޓް ހިއްސާ އުޅެނީ 13.21 އިންސައްތައިގައެވެ. ބީ.އެސް.އެން.އެލްގެ މާކެޓް ހިއްސާ އުޅެނީ އެންމެ 3.91 އިންސައްތައިގައެވެ.

މާކެޓް ތަހުލީލުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޖިއޯގެ ކުރިއެރުމުގެ ސިއްރަކީ އެ ކުންފުނިން މާކެޓް ހިއްސާ ހޯދުމަށް ކުރަމުންދާ މަސައްކަތެވެ.

އެއާޓެލްއިން އާރބަން މާކެޓްތަކަށާއި ޑާޓާ މޮނިޓައިޒޭޝަންއަށް ސަމާލުކަން ދެމުންދާއިރު، ވޮޑާފޯން އައިޑިއާ އަދި ބީ.އެސް.އެން.އެލް އަށް ދަނީ ކަސްޓަމަރުން ހިފަހައްޓައި ދެމެހެއްޓުމުގައި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ.

ބީ.އެސް.އެން.އެލްގެ ނަތީޖާއާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ސަރުކާރުގެ އެހީތެރިކަން ލިބޭ ނަމަވެސް އެ ކުންފުނިން ކަސްޓަމަރުން ދަނީ މަދުވަމުންނެވެ.

މިކަމުގެ ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނަނީ އެ ކުންފުނީގެ އިންފްރާސްޓްރަކްޗަރާއި މެނޭޖްމަންޓްގެ ދޯހަޅިކަމެވެ. ހަމައެހެންމެ، 48.99 އިންސައްތަ ސަރުކާރު ހިއްސާވާ ވޮޑާފޯން އައިޑިއާވެސް ދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ.

މުޅި އިންޑިއާގެ ވައިލެސް ސަބްސްކްރައިބަރުންގެ އަދަދު 1,159.86 މިލިއަން ކަމަށް ވާއިރު، އޭޕްރީލް މަހާ އަޅައިބަލާއިރު އެ އަދަދު އިތުރުވެފައިވަނީ އެންމެ 0.14 އިންސައްތައިގައެވެ.

ޖިއޯ އާއި އެއާޓެލް އިން 5G ޓެކްނޮލޮޖީއަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދާއިރު، ބީ.އެސް.އެން.އެލް އަށް އަދިވެސް ހައި-ސްޕީޑް 4G ނެޓްވޯކް ފުޅާކުރުމުގައި ގޮންޖެހުންތައް ކުރިމަތި ވެއެވެ.

މޮބައިލް ސަބްސްކްރައިބަރުންގެ ދަފްތަރު އާންމުކުރުމާއެކު، ސަރުކާރު ކުންފުނިތައް ޕްރައިވެޓްކުރުމުގެ ބަހުސްތައް އަލުން ވަނީ ފެށިފައެވެ.

ހިއްސާ ކުރައްވާ!