ދުނިޔޭގެ ފެހި ހައިޑްރޯޖަން މާކެޓުގެ 10 އިންސައްތަ ހޯދުމަށް އިންޑިއާއިން މުހިންމު މަޝްރޫޢުތަކެއް އިޢުލާންކޮށްފިއެވެ. އިންޑިއާގެ އަމާޒަކީ 2030 ވަނަ އަހަރު ނިމުމުގެ ކުރިން އަހަރަކު 5 މިލިއަން ޓަނުގެ ހައިޑްރޯޖަން އުފެއްދުމެވެ. މިހާރު އިންޑިއާގައި ހައިޑްރޯޖަން ބޭނުންކުރާ މިންވަރު ވަނީ އަހަރަކު 6 މިލިއަން މެޓްރިކް ޓަނަށް އަރާފައެވެ.
ފެހި ހައިޑްރޯޖަން އުފެއްދުމުގައި ބޭނުންކުރަނީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކެވެ. އިރުގެ އަލިން އަދި ވައިން ކަރަންޓު އުފައްދައިގެން އިލެކްޓްރޯލައިސިސްގެ ޕްރޮސެސްތައް ހިންގައެވެ. މިގޮތުން ކާބަން ބޭރުނުކޮށް ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދެއެވެ.
އިންޑިއާއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރަނގަޅު ފުރުޞަތުތަކެއް ހޯދާފައިވާ އަދި ބައިނަލްއަގްވާމީ މަސްރަހުގައި އެކަމަށް ހިތްވަރުދޭ ޤައުމެކެވެ. ގިނަ އަދަދަކަށް އިރުގެ އަލި ލިބުމާއި ވައިގެ ވަސީލަތްތައް ލިބެން ހުރުމުން ފެހި ހައިޑްރޯޖަން އުފެއްދުމަށް އިންޑިއާއަށް މަގުފަހިވެފައި ވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުން ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީތަކަށް އިންވެސްޓްކުރުމަށް ވެސް ހިތްވަރުދެމުން ދެއެވެ.
އިންޑިއާގެ ނޭޝަނަލް ގްރީން ހައިޑްރޯޖަން މިޝަނަށް ހޭދަކުރުމަށް ސަރުކާރުން ވަނީ ބޮޑު ބަޖެޓެއް ކަނޑައަޅާފައެވެ. އަދި އެކި ސްޓޭޓްތަކުގައި މިރޮނގުން ގިނަ އުފެއްދުންތެރިކަމުގެ މަރުކަޒުތަކެއް ޤާއިމުކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިމަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި އާ ޓެކްނޮލޮޖީތައް އުފެއްދުމާއި މަޝްރޫޢުތައް ފުޅާކުރުމަށް މަގުފަހިކޮށްދެމުން ގެންދެއެވެ.
ފެހި ހަކަތައާ ގުޅޭ ގޮތުން ލިބެމުންދާ ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ސަބަބުން މި ރޮނގުގެ ތަރައްޤީގެ މަސައްކަތްތައް އަވަސް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުން މި ޓެކްނޮލޮޖީއަށް ބަދަލުވުމާއި ޤާބިލުކަން އިތުރުކުރުމަށް ވެސް އެހީތެރިވެދެއެވެ. އަދި ޖޮއިންޓް ވެންޗަރތަކުން ތަޖުރިބާއާއި ރައުސުލްމާލާއި އިންވެސްޓްމަންޓްތައް ވެސް ގެނެސްދެއެވެ.
އޭގެ އިތުރުން ފެހި ހަކަތަ އެކްސްޕޯޓްކުރުމުގެ ފުރުޞަތުތަކުގެ ސަބަބުން އިންޑިއާއިން ދަނީ މި ރޮނގުން ލިބޭނެ ބޮޑު އިޤްތިޞާދީ މަންފާތަކާ ބެހޭ ގޮތުން ފުރުސަތުތައް ހޯދަމުންނެވެ.
ދުނިޔޭގައި ސާފު ހައިޑްރޯޖަނަށް އޮންނަ ޑިމާންޑްވެސް ދަނީ ހަލުއި ދުވެލީގައި އިތުރުވަމުންނެވެ. އިންޑިއާއިން މަސައްކަތްކުރަނީ ބައިނަލްއަޤްވާމީ މާކެޓްތަކަށް މުހިންމު ސަޕްލަޔަރަކަށް ވުމަށެވެ. ފެހި ހަކަތައާއި ހައިޑްރޯޖަން ދަތުރުފަތުރުގެ ދާއިރާއިން ބޭނުންކުރަން ފެށުމުން ފޮސިލް ފިއުލްއަށް ބަރޯސާވާ މިންވަރު ދަށްވެގެން ހިނގައި ދާނެއެވެ.







