ޖިއޯޕޮލިޓިކަލް ގުޅުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ ސަރވެއިލަންސް ސެޓެލައިޓްތަކަށް އޮތް ދުނިޔޭގެ ޑިމާންޑުގެ ސަބަބުން އިންޑިއާގެ ޕްރައިވެޓް ސެކްޓަރގެ ޖައްވީ ދާއިރާއަށް އާމްދަނީ އިތުރު ކުރުމުގެ ފުރުސަތުތައް ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) ގެ މުހިންމު ޕާޓްނަރެއް ކަމަށްވާ ބެންގަލޫރުގައި ހިންގާ އަނަންތު ޓެކްނޮލޮޖީސް، ކުންފުންޏަށްވެސް ވަނީ އޮސްޓްރޭލިއާއިން ދިފާއީ ސަރވެއިލަންސް ސެޓެލައިޓްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓެއް ލިބިފައެވެ. މި ކުންފުނިން ހައިދަރާބާދު، ބެންގަލޫރު އަދި ތިރުވަނަންތަޕޫރަމްގައި ތިން މެނުފެކްޗަރިންގ އަދި ޑިޒައިން ސެންޓަރު ހިންގައެވެ. މި ސެންޓަރުތަކުން އުފައްދަނީ ސަރވެއިލަންސަށް ބޭނުންވާ، ހައި-ރެޒޮލިއުޝަން ފޮޓޯނަގައިދޭ އަދި އާރތު އޮބްޒަރވޭޝަން ސެޓެލައިޓްތަކެވެ.
އަނަންތު ޓެކްނޮލޮޖީސްއާއި އެހެން ބައެއް ކުންފުނިތަކުން ވަނީ އޮސްޓްރޭލިއާ، ނޯވޭ އަދި ޕޮލެންޑް ފަދަ ޤައުމުތަކުން އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެން ގިނަ ކޮންޓްރެކްޓްތައް ހޯދާފައެވެ.
މި މުއާމަލާތުން ފާހަގަކޮށްދެނީ ޖައްވީ ސަރވެއިލަންސްގެ ދާއިރާގައި އިންޑިއާގެ ދައުރު އިތުރުވަމުންދާކަމެވެ. މިނިސްޓްރީ އޮފް ޑިފެންސްއިން ބަލަހައްޓަމުންދާ ސްޕޭސް-ބޭސްޑް ސަރވެއިލަންސް (އެސްބީއެސް)-3 ޕްރޮޖެކްޓުގައި އަނަންތު ޓެކްނޮލޮޖީސް، ސެންޓަމް އިލެކްޓްރޯނިކްސް އަދި އަލްފާ ޑިޒައިން ޓެކްނޮލޮޖީސް ވެސް ބައިވެރި ވެއެވެ. އަލްފާ ޓެކްނޮލޮޖީޒްއަކީ އަދާނީ ޑިފެންސްގެ ސަބްސިޑިއަރީއެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް 52 ސެޓެލައިޓް ޖައްވަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. ކުރިން ހަމަޖެހިފައިވާ 4 އަހަރުގެ މުއްދަތުގެ ބަދަލުގައި މި މަޝްރޫޢު ދޮޅު އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައި ވެއެވެ.
އިންޑިއާގެ އަގުހެޔޮ އީޖާދުތައް ކަމަށްވާ، ޗަންދްރަޔާން-1 މިޝަން ފަދަ އިސްރޯގެ ކާމިޔާބީތަކުން، އިންޑިއާގެ މަޤްބޫލުކަން އިތުރުވެގެން ގޮސްފައި ވެއެވެ. މިކަމުގެ ސަބަބުން ޕްރައިވެޓް ކުންފުނިތައް ޓެކްނޮލޮޖީގެ ދާއިރާގައި މުހިންމު ބައިވެރިންގެ ގޮތުގައި ހިމެނެއެވެ.
އިންޑިއާގެ ޖައްވީ ދާއިރާގެ މި ކުރިއެރުމަކީ ގިނަ ގޮތްގޮތުން މުހިންމު ކަމެކެވެ. އެންމެ ފުރަތަމަ ކަމަކީ، މިއީ އިންޑިއާގެ ޓެކްނޮލޮޖީ ދާއިރާގެ ޤާބިލުކަން ދައްކުވައިދޭ ކަމެކެވެ. ދެވަނަ ކަމަކީ، މިއީ އިންޑިއާގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ތިންވަނަ ކަމަކީ، މިއީ އިންޑިއާގެ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމެކެވެ.
މީގެ އިތުރުން، މި ކުރިއެރުމުގެ ސަބަބުން އިންޑިއާގެ ޖައްވީ ދާއިރާގައި އިތުރު ވަޒީފާތައް އުފެދި، ޓެކްނޮލޮޖީގެ ދާއިރާގައި އިތުރު ތަމްރީނުތަކާއި ތަޢުލީމީ ފުރުޞަތުތައް އުފެދިގެންދާނެއެވެ.






