އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ބޭއްވި ކުއާޑް ބައްދަލުވުމަކަށް ފަހު ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވަނީ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ސާބިތުކޮށް އޮތް ކަމަށް ވިދާޅުވެފައެވެ. އިންޑިއާގެ ކަޝްމިރުގެ ބޭތާބް ވާދީގައި އޭޕްރީލް 22 ވަނަ ދުވަހު 26 އާންމުން މަރާލި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ޒީރޯޓޮލަރެންސް ގެންގުޅޭ ކަމަށް ބުނެ ޕާކިސްތާނަށް ވައިގެ މަގުން ހަމަލަ ދީފައެވެ.
އެއަށްފަހު އިންޑިއާއިން ދެކޭ ގޮތް ގައުމުތަކަށް ކިޔައި ދިނުމަށް ކުރީގެ ޑިޕްލޮމެޓުން ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ލީޑަރުން ވަނީ 30 އަށް ވުރެ ގިނަ ގައުމަށް ޒިޔާރަތްކުރައްވާފަ އެވެ.
ޖައިޝަންކަރު ސިފަކުރެއްވި ގޮތުގައި މި މަސައްކަތަކީ އިންޑިއާގެ "ސިޔާސީ ތަފާތުވަންތަކަން" ދައްކައިދޭ ކަމެކެވެ. އަދި ގައުމީ މަސްލަހަތު އަންނަ ހިނދު އެއްބައިވަންތަ ކަން ފެނިގެންދާ ކަމެވެ.
ޖައިޝަންކަރު ވަނީ މިވަފްދުގެ ބޭފުޅުން ކުރެއްވި މަސައްކަތާ މެދު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ.
އިންޑިއާއިން ވަނީ ތަފާތު ޕާޓީތަކުން ހޮވާލާފައިވާ ވަފްދުތަކެއް އެތައް ގައުމަކަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ކޮންގްރެސްގެ ޝަޝީ ތަރޫރު، ޓެމިލް ނާޑޫގެ ކަނިމޯޒީ، ބީޖޭޕީގެ ރަވީ ޝަންކަރު ޕްރަސާދު، އަދި ކޮންގްރެސްގެ ސަންޖޭ ޖާ ފަދަ ޕާލަމެންޓް ގެ ތަފާތު މެންބަރުން ހިމެނެއެވެ. އިންޑިއާގެ ސިޔާސީ އެއްބައިވަންތަކަން ދައްކުވައިދޭ ރަމްޒެއްގެ ގޮތުން ގައުމުތަކަށް ދަތުރުކުރި ހުރިހައި ޕާޓީތައް ހިމެނޭ ވަފުދުތައް އިންޑިއާ ތަމްސީލުކޮށްދީފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށް ވިދާޅުވެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އެ ފަރާތްތަކަށް ތައުރީފު ކުރައްވައިފި އެވެ.






