އިންޑިއާއަށް އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރު ލިބެނީ

އިންޑިއާއިން ފައިސާ ދައްކާފައިވާ، 6 ހެލިކޮޕްޓަރު ޑެލިވަރީ ކުރުމަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ. މީގެ ފުރަތަމަ ބެޗް، މި މަހުގެ މެދުތެރޭގައި ޑެލިވާ ކުރާނެ އެވެ. އަހަރު ނިމުމުގެ ކުރިން ބާކީ އޮތް 3 ހެލިކޮޕްޓަރުވެސް ޑެލިވާ ކުރާނެ ކަމަށް ވެއެވެ.

ބޮއިންގް ކުންފުނިން އުފައްދާ އޭއެޗް-64އީ އަޕާޗޭގެ ހެލިކޮޕްޓަރު ގަތުމަށް އިންޑިއާއިން ސޮއިކުރީ 2020ވަނަ އަހަރު 600 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުންނެވެ.

މިހާތަނަށް މި ހެލިކޮޕްޓަރުތައް ބޭނުން ކުރުމަށް ޕައިލެޓުން ވަނީ ތަމްރީނުކޮށްފައެވެ. އަދި މި ހެލިކޮޕްޓަރު ބޭނުން ކުރުމަށް ޖޯދުޕޫރުގައި އުފައްދާފައިވާ އިންޑިއާ ސިފައިންގެ 451 އޭވިއޭޝަން ސްކޮޑްރަން ވަނީ ހެލިކޮޕްތަރުތައް ނެތުމުން އޮޕަރޭޝަނަލް ނުކުރެވިފައެވެ.

އަޕާޗޭ ހެލިކޮޕްޓަރަކީ، ހެލްފަޔަރ މިސައިލްތަކާއި ޒަމާނީ ޓާގެޓިން ސިސްޓަމްތައް އޭގައި ގާއިމްކޮށްފައިވާ ވައްތަރުގެ ހެލިކޮޕްޓަރެކެވެ. އަދި މިއީ އިންޑިއާއާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ބޭނުން ކުރުމަށް ގެންނަ އެއްޗެކެވެ.

މި ހެލިކޮޕްތަރުތައް ޑެލިވަރީ އަވަސް ކުރުމާ ގުޅޭ ގޮތުން އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގ ވަނީ އެމެރިކާގެ ދިފައީ ވަޒީރު ޕީޓް ހެގްސެތުއާ އެކު މަޝްވަރާތައް ބާއްވަވާފައެވެ.

ހިއްސާ ކުރައްވާ!