އަންނަ ދިރާސީ އަހަރުން ފެށިގެން ސައޫދީގައި މަސްނޫއީ ބުއްދި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދެނީ

އަންނަ ދިރާސީ އަހަރު 2025-2026 އިން ފެށިގެން އާންމު ތައުލީމުގެ މާއްދާތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ މަންހަޖެއް ހިމަނަން ސައުދީ އަރަބިއްޔާއިން ފާސްކޮށްފި އެވެ. މި ފިޔަވަޅަކީ ދެމެހެއްޓެނިވި ޢިލްމީ އިޤްތިޞާދެއް ބިނާކުރުމަށާއި، ޑިޖިޓަލް ދާއިރާއިން ވާދަވެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޚާއްޞަ ތަޢުލީމީ ތަޞައްވުރެއްގެ ބައެކެވެ. މި ފިޔަވަޅަކީ "ސްޓްރެޓެޖިކް" ފިޔަވަޅެއް ކަމަށް ސްޕެޝަލިސްޓުން ސިފަކޮށްފައިވެ އެވެ.

ސައޫދީ އަރަބިއްޔާއަކީ ދުނިޔޭގައި މަސްނޫއީ ބުއްދި މަބު ބޭނުން ކޮށް އޭގެ ދިރާސާ ކުރުމުގައި މިއަހަރު އެއްވަނަ ހޯދާފައިވާ ގައުމެވެ.

ސައޫދީގެ އައު މަބުގެ މަންހަޖުގައި ޕްރައިމަރީ ސްކޫލުން ފެށިގެން ސެކަންޑަރީ ސްކޫލާއި ހަމައަށް ހުރިހައި މަރުހަލާއެއްގައި ފަސޭހަކޮށް މަބުގެ ކޮންޓެންޓް ލިބެން ހުންނާނެ އެވެ. މަންހަޖު ފަށާއިރު އަސާސީ ކޮންސެޕްޓްތަކާއި އިންޓަރެކްޓިވް އެޕްލިކޭޝަންތައް ހިމަނާފައި ވާނެއެވެ. އެހެން މަރުހަލާތަކުގައި އޭއައިގެ މޮޑެލް ޑިޒައިން ކުރުން، އޭއައި އެތިކްސް، މެޝިން ލާނިން، އަދި އެއާ ގުޅުންހުރި ޕްރޮގްރާމިން ހިމެނޭ ގޮތަށް މަންހަޖު ފުޅާވަމުން ދާނެއެވެ.

ނަޖުރާން ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް އާޓިފިޝަލް އިންޓެލިޖެންސް އަދި ވައިސް ޑީން އޮފް ގްރެޖުއޭޓް ސްޓަޑީޒް އެންޑް ސައިންޓިފިކް ރިސާޗް ސައީދު އަލްއަހުމަރީ ވިދާޅުވަނީ މިއީ ޒުވާން ސިކުނޑިތަކުގައި ފެންވަރުގެ އިންވެސްޓްމަންޓެއް ތަމްސީލުކުރާނެ ކަމެއް ކަމަށާއި މުސްތަގުބަލުގެ މަފްހޫމްތަކާ މުއާމަލާތް ކުރުމުގެ ގާބިލްކަން ހުރި ދަރިވަރުން ތައްޔާރު ކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަލް އަހުމަރީ ވިދާޅުވީ "އާޓިފިޝަލް އިންޓެލިޖެންސް އާންމު ތައުލީމުގައި ހިމެނުމަކީ ދިގު މުއްދަތުގެ ތަސައްވުރެއް ސާބިތު ކޮށްދޭނެ ކަމެއް ކަމަށާއި ކްލާސްރޫމްތަކުން ބޭރަށް ވެސް އެކަން ފުޅާވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ."

ސައޫދީގެ މި ނިންމުމަކީ ހަތަރު ވަނަ ސިނާއީ އިންގިލާބުގެ ވަސީލަތްތައް ބޭނުންކުރެވޭނެ އަދި އާޓިފިޝަލް އިންޓެލިޖެންސަށް ބަރޯސާވުން ހަލުއި ވަމުންދާ ދުނިޔޭގެ ލޭބަރ މާކެޓުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ސައުދީ ޖީލެއް ބިނާ ކުރުމަށް ނިންމި ނިންމުމެކެވެ. މިއީ ޚާއްސަކޮށް ޑިޖިޓަލް އިންގިލާބާއި ޑޭޓާ ސެންޓަރުތަކުގެ ދާއިރާއިން ސައުދީ އަރަބިއްޔާއިން ހޯދާފައިވާ ކުރިއެރުން ސާބިތުކޮށްދޭ މަސައްކަތެކެވެ. މިކަމުން ޒުވާނުން ޓެކްނިކަލް ތަޖުރިބާއަށް ތައްޔާރު ކުރުމުގެ ބޭނުންތެރިކަން ހާމަވެގެންދެއެވެ.

ޑރ.އަލްއަހުމަރީ ފާހަގަކުރެއްވި ގޮތުގައި މިއިން، އާޓިފިޝަލް އިންޓެލިޖެންސް ކިޔަވާ ސައުދީ ދަރިވަރުންގެ މެތެމެޓިކްސް ފޯމިއުލާގެ ވިސްނުން އިތުރުކޮށް، ހަގީގީ ދުނިޔޭގެ އެޕްލިކޭޝަންތަކާ އުނގެނުން ގުޅުވައިދޭނެ އެވެ.

އަންނަ ދިރާސީ އަހަރުން ފެށިގެން އާޓިފިޝަލް އިންޓެލިޖެންސްގެ މަންހަޖެއް ސައުދީން ހިމަނާލުމުން ހަތަރު ވަނަ ސިނާއީ އިންގިލާބުގެ ވަސީލަތްތަކަށް ފަރިތަ ޖީލެއް ތައްޔާރުކުރުމަށް މަގުފަހިވީ އެވެ.

ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ ކަރިކިއުލަމް ޑިވެލޮޕްމަންޓުން އާޓިފިޝަލް އިންޓެލިޖެންސްގެ ކަރިކިއުލަމް އެކުލަވާލާފައި ވަނީ ބައިނަލްއަގްވާމީ އެންމެ ފަހުގެ މިންގަނޑުތަކާ އެއްގޮތަށެވެ.

އެއީ އާޓިފިޝަލް އިންޓެލިޖެންސްގެ ޓެކްނޮލޮޖީތަކާއި ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި ޕްރޮފެޝަނަލް ދާއިރާތަކުގައި އޭއައި ބޭނުންކުރުމުގެ އިތުރުން ދަރިވަރުންގެ މެދުގައި ކްރިޓިކަލް ތިންކިންގ، އެނަލިޓިކަލް ސްކިލްސް، އަދި މައްސަލަ ހައްލުކުރުމުގެ ހުނަރުތައް ތަރައްގީކުރާނެ މަންހަޖެކެވެ.

ހިއްސާ ކުރައްވާ!