ޖަޕާނުން އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭ

ޖަޕާނުން ވަނީ އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން އަލުން ކަށަވަރުކޮށްދީ ފައެވެ. މިކަން ކަށަވަރުކޮށްދިނީ އިންޑިއާގައި ހުންނަވާ ޖަޕާނުގެ ސަފީރު އޮނޯ ކޭއިޗީގެ އިސްނެންގެވުމުގެ ދަށުން ގުޖުރާތަށް ޒިޔާރަތްކުރި މަތީ ފެންވަރުގެ ވަފުދަކުންނެވެ. މި ވަފުދުގައި ޖަޕާނުގެ 60 އަށް ވުރެ ގިނަ ވިޔަފާރި މަންދޫބުން ބައިވެރި ވިއެވެ.

މި ވަފުދުން ވަނީ ދޮލެރާ ސްޕެޝަލް އިންވެސްޓްމަންޓް ރީޖަން (އެސްއައިއާރު) އަދި ޓާޓާ އިލެކްޓްރޯނިކްސްގެ މަރުކަޒުތަކަށް ޒިޔާރަތްކޮށްފައެވެ.

މި ދަތުރަކީ އައު އީޖާދުތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގައި ހިއްސާކުރެވޭ އަގުތަކުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ މެދުގައި ސިނާއީ އެއްބާރުލުން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޒިޔާރަތުގައި އަހުމަދުއާބާދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމާއި ތަފާތު އިންސްޓިއުޓްތަކަށް ޒިޔާރަތް ކުރުން އޮތެވެ.

ސަފީރު އޮނޯ ކޭއިޗީ ވަނީ އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމަށް ޖަޕާނުން ދެމުންގެންދާ އެހީތެރިކަން ދެމި އޮންނާނެކަން އަލުން ކަށަވަރުކޮށްދެއްވައި، ސެމީކޮންޑަކްޓަރުތަކާއި ސްމާޓް ސިޓީތަކާ ގުޅޭގޮތުން އިންޑިއާގެ ތަޞައްވުރަށް ތައުރީފް ކުރައްވާފައެވެ.

ޖަޕާނުގެ ޓޯކިޔޯ-އޮސާކާ ކޯރިޑޯއަށް ބަލައިގެން ތަރައްޤީކުރެވުނު ދިއްލީ-މުމްބާއީ އިންޑަސްޓްރިއަލް ކޯރިޑޯއަށް ޖަޕާނުގެ އެއްބާރުލުމާއި އިންވެސްޓްމަންޓުން ގިނަގުނަ ފައިދާތަކެއް ލިބެމުންދާކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި ސަފީރު ކޭއިޗީ ވަނީ ގުޖުރާތުގެ ސަރުކާރާ ބައްދަލުކުރައްވައި، ޖަޕާނުން އެ ސްޓޭޓާއެކު ގުޅުން ބަދަހިކުރާނެ ކަން އިއުލާން ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!