އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެފްރިކާގެ ޤައުމުތަކަށް މުހިންމު ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ހުށަހަޅުއްވައި، މަޝްވަރާ، ހަމަހަމަކަން އަދި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލަކަށް ގޮވާލައްވާފައެވެ. އެފްރިކާގެ ފަސް ޤައުމަކަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ އެފްރިކާއަކީ "ހަމައެކަނި ރީމެޓީރިއަލްގެ މަސްދަރަކަށް ވެގެން ނުވާނެ" ކަމަށެވެ. މިއީ ޗައިނާ އިން އެފްރިކާގެ ވަސީލަތްތަކަށް އަމާޒުކޮށްފައިވާ ސިޔާސަތާ ސީދާ ތަފާތު ވިސްނުމެކެވެ.
އިންޑިއާގެ މަޤްޞަދަކީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ފުޅާކުރުމެވެ. ޗައިނާއިން ދަނީ ޤުދުރަތީ ވަސީލަތްތަކަށް އިސްކަން ދެމުންނެވެ.
ޗައިނާއިން އުމްރާނީ ތަރައްޤީ އަދި މައިނިންގ މަޝްރޫޢުތަކަށް ބިލިއަން ޑޮލަރުތަކެއް އިންވެސްޓްކޮށްފައިވާއިރު، އިންޑިއާއިން ވަނީ އެކުއެކީގައި ތަރައްގީ ހޯދުމާއި، ރައްޔިތުންގެ ހުނަރު އިތުރުކުރުމާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަށް އަމާޒުކޮށް، ތަރައްޤީގެ މަޝްރޫޢުތަކަށް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަނޑައަޅާފައެވެ.
ނަމީބިއާގައި ބޭއްވި މުހިންމު މަޝްވަރާތަކުގެ ތެރޭގައި ދިފާޢީ އެއްބާރުލުން ހިމެނުނެވެ.
އިންޑިއާއިން ވަނީ ލައިން އޮފް ކްރެޑިޓް ހަމަޖައްސައި ދިނުމަށާއި ސިފައިންނަށް ބޭނުންވާ އާލާތްތައް ހަދިޔާ ކުރުމަށް ހުށަހަޅާފައެވެ.
މީގެ އިތުރުން، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) މި އަހަރުގެ ފަހުކޮޅު ނަމީބިއާގައި ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. އަދި ނަމީބިއާއިން ދަނީ އިންޑިއާގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރަމުންނެވެ.
ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ ތަރައްޤީން ދައްކައިދެނީ ދެކުނުގެ ޤައުމުތަކަށް "އަމިއްލަ ޝަރުޠުތަކުގެ މަތިން، އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅި ގެއްލުމަކާ ނުލައި" ކުރިއެރުން ހޯދިދާނެކަމެވެ. މި މަސައްކަތުގެ އަމާޒަކީ ފަރަންސޭސިވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ޘަޤާފީ ބައިވެރިންގެ ނުފޫޒު ދަށްވަމުންދާއިރު، އިންޑިއާގެ މަޤާމު އިތުރަށް ހަރުދަނާކުރުމެވެ.







