ސެމްސުންގއާއި އެޕަލްއިން ގެންގުޅެނީ އިންޑިއާއާ މެދު އެއް ވިސްނުމެއް

އެމެރިކާގެ ބާޒާރަށް އަމާޒުކޮށް އިންޑިއާގައި ސްމާޓްފޯނު އުފެއްދުން ފުޅާ ދާއިރާއެއްގައި އިތުރުކުރުމަށް ސެމްސަންގުން ވިސްނަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ދުނިޔޭގެ ފެންވަރުގެ އެކްސްޕޯޓް މަރުކަޒެއްގެ ގޮތުގައި އިންޑިއާ ޤާއިމުކުރުމަށް އެޕަލްއިން ގެންގުޅޭ ސްޓްރެޓެޖީއާ އެއްގޮތް ސިޔާސަތެކެވެ.

މި ބަދަލު އަންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުގެ ދަށުން އެމެރިކާއިން ނަގަފާނެ ޓެރިފްތަކާ ގުޅޭ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ސެމްސަންގްގެ ގްލޯބަލް ޕްރެޒިޑެންޓް އަދި ޗީފް އޮޕަރޭޓިންގ އޮފިސަރ ވޮން-ޖޫން ޗޮއި ވިދާޅުވެފައިވަނީ އެ ކުންފުނިން އެކި ސިނާރިއޯތަކަށް ތައްޔާރުވަމުންދާ ކަމަށެވެ.

"އިންޑިއާ ހިމެނޭ ގޮތަށް ގިނަ ފެކްޓަރީތަކުން އެމެރިކާއަށް އުފެއްދުންތައް ފޯރުކޮށްދިނުމަށް ތައްޔާރަށް" ތިބިކަމަށް އޭނާ ވިދާޅުވެއެވެ.

ސެމްސަންގުން މިހާރުވެސް އުއްތަރު ޕްރަދޭޝްގެ ގްރޭޓަރ ނޮއިޑާގައި އުފެއްދުންތެރިކަމުގެ މަރުކަޒެއް ހިންގަމުން ގެންދެއެވެ. މި މަރުކަޒުން މައިގަނޑު ގޮތެއްގައި އިންޑިއާގެ އެތެރޭގެ ބާޒާރަށް ޚިދުމަތް ދެމުން އަންނައިރު، މިހާރު އެމެރިކާގެ ޝިޕްމަންޓްތައް ހިމެނޭ ގޮތަށް ބޭރުގެ ގިނަ ޑިމާންޑްތައް ބަލަހައްޓަމުން އަންނަނީ ވިއެޓްނާމުންނެވެ.

މި ފިޔަވަޅު އަޅަނީ މިހާރުގެ މުހިންމު އެކްސްޕޯޓް މަރުކަޒެއް ކަމުގައިވާ ވިއެޓްނާމަށް ވިޔަފާރީގެ އާ ގަވާއިދުތައް ތަންފީޒުކޮށްފިނަމަ، އެމެރިކާއަށް ފޮނުވާ ޝިޕްމަންޓްތަކުން 20 އިންސައްތައިގެ ޓެރިފްއެއް ނަގަފާނެތީއެވެ.

ސެމްސަންގުން ދަނީ ޓްރަމްޕްގެ ވެރިކަމުގެ ޓެރިފްގެ އުދަގޫތައް ވަރަށް ގާތުން ދިރާސާ ކުރަމުންނެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އުފެއްދުންތެރިކަމުގެ މަރުކަޒުތައް ފަސޭހަކަމާއެކު ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރަމުންނެވެ.

މީގެ އިތުރުން، ވިޔަފާރީގެ ހަމަޖެހުމާއި ސަރުކާރުން އަގު ކަނޑައެޅުމަށް ނާދިރު މައުދަންތައް ހިމެނޭ ގޮތަށް ގްލޯބަލް ސަޕްލައި ޗެއިން ތަފާތު ކުރުމަށްވެސް ދަނީ ވިސްނަމުންނެވެ.

ހިއްސާ ކުރައްވާ!