އިސްލާމޯފޯބިއާގެ އަމަލެއްގައި ބޯޓު ތެރޭގައި މުސްލިމަކަށް ހަމަލަ ދީފި

އިސްލާމޯފޯބިއާގެ އަމަލެއްގައި އިންޑިގޯ ފްލައިޓެއްގައި ދަތުރުކުރި އިންޑިއާ މުސްލިމަކަށް އިންޑިއާގެ އެހެން މީހަކު ހަމަލަ ދީފިއެވެ. މި ހާދިސާ ހިނގާފައި ވަނީ އިންޑިގޯ އެއަރލައިންސްގެ މުމްބާއީ އިން ކޮލްކަތާއަށް ކުރި ދަތުރުގައެވެ.

ހުކުރު ދުވަހު ހިނގި މިހާދިސާގައި އިންޑިގޯ އެއަރލައިންސްގެ މުމްބާއީ-ކޮލްކަތާ ދަތުރެއްގައި އުދުހުމަށް ބިރުން އުޅުނު ފަސިންޖަރަކަށް އެހީވަމުން ދަނިކޮށް އެހެން  ފަސިންޖަރަކު ވަނީ އޭނާގެ ކަންކަށިގައި ތަފާއްޔެއް ޖަހާފައެވެ.

މުސްލިމަކަށްވީތީ ދީފައިވާ އިސްލާމޯފޯބިއާގެ މިހަމަލާ އަމާޒުވެފައިވާ މީހާ ހުރީ ބޮލުގައި ތާކިހަލެއް އަޅައިގެންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޕެނިކް އެޓޭކް ޖެހުނު ފަސިންޖަރަށް އެ ހާލަތު ދިމާވީ މަތިންދާބޯޓު މުމްބާއީއިން ނައްޓާލުމަށް ޓެކްސީ ކުރަމުން ދަނިކޮށެވެ.

އޭނާގެ ހާލަތު ގޯސްވެ، ބޯޓުން ފޭބުމުގެ ހުއްދައަށް އެދި ހިނގަން ފެށިއެވެ. އެމީހީއަށް ހަމަލަ ދިނީ އެވަގުތު އެވެ.

އެހެންނަމަވެސް، މި ހާދިސާ ހިނގުމާއެކު އެހެން ފަސިންޖަރުންނާއި އެއަރލައިންގެ ފަޅުވެރިން ވަގުތުން މުސްލިމު މީހާއަށް އެހީތެރިވެދިނެވެ. އެއަށްފަހު، އެ ދަތުރު ކުރިއަށް ގެންދިޔައީ އިތުރު ހާދިސާއެއް ނުހިނގައި ރައްކާތެރިކަމާއެކުއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިގޯ އެއަރލައިންސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ ޤަވާޢިދާ ޚިލާފު ޢަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިނުގަނެވޭނެ ކަންކަން ކަމަށެވެ. އަދި ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތާއި ޢިއްޒަތަށް އުނިކަން ލިބޭފަދަ އެއްވެސް ޢަމަލެއް ބަލައި ނުގަންނަ ކަމަށާއި އެފަދަ ކަންކަން އެންމެ ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށެވެ.

އެއަރލައިންގެ ފަރާތުން އިތުރަށް ބުނެފައި ވަނީ ހަމަލާދިން ފަރާތަކީ ޤަވާޢިދާ ޚިލާފުވި ފަރާތެއްކަމަށް ބަލައި، ބޯޓު ޖެއްސުމުން އޭނާ ސަލާމަތީ އިދާރާތަކާ ހަވާލުކުރެވުނު ކަމަށެވެ. އަދި ޕްރޮޓޮކޯލްތަކާ އެއްގޮތަށް، ކަމާގުޅުންހުރި ރެގިއުލޭޓަރީ އިދާރާތަކަށް މި މައްސަލަ ރިޕޯޓުކޮށްފައިވާނެ ކަމަށެވެ. އަދި މީގެ އިތުރުން، އެ އެއަރލައިންގެ ހުރިހާ ދަތުރުތަކެއްގައިވެސް ރައްކާތެރި އަދި އިޙްތިރާމް ލިބިގެންވާ މާޙައުލެއް ޤާއިމުކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ނާތަހުޒީބު އަމަލު ހިންގި ފަރާތް ވަކި މުއްދަތަކަށް އުދުހުން މަނާކޮށް "ނޯ ފްލައި" ލިސްޓުގައި ހިމެނިދާނެ ކަމަށް ގަވާއިދު ތަންދެއެވެ. އެގޮތުން އޭނާ 6 މަސް ދުވަހަށް ބޯޓަށް އެރުން މަނާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ހިއްސާ ކުރައްވާ!