ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަސާއި ދިވެހިރާއްޖެއިން ބޭރުން ހޯދަންޖެހޭ ފަރުވާތައް ރާއްޖެއިން ލިބޭނެ ގޮތް ހެދުމަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެންމެ ބޮޑު އަމާޒު ކަމަށް، އެ ގްރޫޕްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ފާއިތުވި ދޮޅުއަހަރު ތެރޭގައި މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ވަނީ ގިނަ ކުރިއެރުންތަކެއް ގެނެވިފައި ކަމަށް އޭނާ ވިދާޅުވެއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މިހާރު އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުން 32 އެއްހާ ސްޕެޝަލިސްޓް ޚިދުމަތް ދެމުންދާއިރު، ސަރުކާރުން ހިންގާ އައިޖީއެމްއެޗް، ދަރުމަވަންތަ، ހުޅުމާލެ އަދި ވިލިމާލޭ ހޮސްޕިޓަލްތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މިގޮތުން، ދަރުމަވަންތަ ހޮސްޕިޓަލް ވަކި ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ފަށާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލް ވެސް ޓަރޝަރީ ފެންވަރަށް ވަނީ ކުރިއަރުވާފައެވެ. މި ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ފަރުވާތައް ގާތުން ލިބޭނެ މަގު ތަނަވަސްކުރުމަކީ މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އިތުރަށް ހާމަކުރެއްވި ގޮތުގައި، ފާއިތުވި ދޮޅުއަހަރު ތެރޭގައި މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވެއެވެ. މި މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ އަކީ މެޑިކަލް ދާއިރާގެ މީހުން ނެވެ. މިއީ ސިއްޙީ ޚިދުމަތް ދިނުމުގެ ދުވެލި ބާރުކޮށް، ބޭސްފަރުވާއަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ކޮށްފައިވާ މުހިންމު މަސައްކަތެކެވެ.
ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 194 އެނދު އިތުރުކޮށްފައި ވެއެވެ. އަދި އައު ސަރޖިކަލް ވޯޑަކާއެކު ޚިދުމަތުގެ ދުވެލި ބާރުކުރެވިފައިވެއެވެ. ހުޅުމާލޭ ހޮސްޕިޓަލަށް އައިސީޔޫ އެންއައިސީޔޫ އަދި އޮޕަރޭޝަން ތިއޭޓަރާއި އިމަރޖެންސީ ވޯޑު އިތުރުކުރެވި ވަސީލަތްތައް ވަނީ ފުޅާކުރެވިފައެވެ.
މި ކުރިއެރުންތަކާއެކު، ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ބޭސްފަރުވާގެ ފަސޭހަ ގޮތްތަކެއް ލިބިގެންދާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އުއްމީދުކުރާ ކަމަށް ރާއްޖެ މިއަދު ޕްރޮގްރާމުގައި ސީއީއޯ ވިދާޅުވިއެވެ.




