އިންޑިއާގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ދެގުނައަށް އިތުރުވެއްޖެ

އިންޑިއާގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ދޫކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ކެޕޭސިޓީ ނުވަ މަސް ދުވަހުގެ ތެރޭގައި ދެގުނައަށް ވުރެ އިތުރުވެފައިވާ ކަމަށް، އިންޑިއާގެ ސިނާއީ ޖަމްޢިއްޔާއަކުން ސަރުކާރަށް ފޮނުވާފައިވާ ސިޓީތަކުން ހާމަވެއްޖެއެވެ.

އިންޑިއާއިން އަމާޒު ހިފާފައި ވަނީ 2030 ވަނަ އަހަރާ ހަމައަށް ފޮސިލް ނޫން ބާވަތުގެ ހަކަތައިގެ ކެޕޭސިޓީ 500 ގިގަވޮޓަށް އިތުރުކުރާށެވެ.

އިންޑިއާގެ ސަސްޓެއިނަބަލް ޕްރޮޖެކްޓްސް ޑިވެލޮޕަރސް އެސޯސިއޭޝަން (އެސް.ޕީ.ޑީ.އޭ) އިން ޖޫން 27 ގައި ނިއު އެންޑް ރިނިއުވަބަލް އެނާޖީ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއއްގައި ބުނެފައި ވަނީ ހަކަތަ ފޯރުވައިދޭ ލައިންތައް މަދުވުމުގެ ސަބަބުން އެންމެ އެދެވޭ މިންވަރަށް މިކަން ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި ހަކަތަ ގަންނަންވީ ފަރާތްތަކާ އެކު އަދިވެސް އެއްބަސްވުންތަކުގައި ސޮއިކޮށްފައިނުވުމުގެ ސަބަބުންވސް ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އިންޑިއާއިން އަރުގެ އަލިން ހަކަތަ އުފައްދާ ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް ހިންގާ ކުންފުނިތަކަކީ، ޖޭ.އެސް.ޑަބްލިއު، އެން.ޓީ.ޕީ.ސީ އަދި އަދާނީ ގްރީން އާއި އެކްމީ ސޯލާއާއި ރިނިއު އަދި ސެމްކޯޕް ފަދަ ބޮޑެތި ކުންފުނިތަކެވެ.

"އެނާޖީ ޓްރާންސިޝަންއަކީ ހަމައެކަނި ސޯލާ އަދި ވިންޑް ކެޕޭސިޓީ ބިލްޑް ކުރުން އެކަންޏެއް ނޫނެވެ. އެއީ ސާފު ހަކަތަ އެންމެ އެކަށީގެންވާ އަގުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުން ވެސް ހިމެނޭ ކަމެއް" އިންޑަސްޓްރީގެ ފަރާތްތަކުން ބުނެއެވެ.

މިހާރުވެސް އިތުރަށް ހަކަތަ އުފެއްދި ގަންނާނެ ފަރާތެއް ނެތި 50 ގިގަވޮޓުގެ ކަރަންޓު ހުރިކަމަށް އެފަރާތްތަކުން ބުނެއެވެ. އެއީ، އިންޑިއާގައި މިހާރު ހުރި 184.6 ގިގަވޮޓުގެ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީގެ ހަތަރުބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.

އިންޑިއާގައި އަވިން އެންމެ ގިނައިން ހަކަތަ އުފައްދަނީ ރާޖަސްތާނާއި ގުޖުރާތު ފަދަ ގިނައިރު އަވިލިބޭ ސަރަހައްދުތަކުގައެވެ.

ހިއްސާ ކުރައްވާ!