އިންޑިއާގެ ޑިޖިޓަލް ޕޭމަންޓްސް ނިޒާމު، ޔުނައިޓެޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) މެދުވެރިކޮށް ހިންގުނު މުޢާމަލާތްތައް ޖުލައި މަހު ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފިއެވެ. ޖުލައި މަހު، 19.47 ބިލިއަން މުއާމަލާތު ހިންގާފައި ވެއެވެ.
ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން ނެރުނު މައުލޫމާތުތަކަށް ބަލާއިރު، މި މުޢާމަލާތްތަކުގެ އަގު ގާތްގަނޑަކަށް 303 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވުނު ދެވަނައަށް އެންމެ މަތީ އަދަދެވެ.
މިކަމަކީ ސިސްޓަމް ހަލުއި ވުމާއި، އިތުބާރު ހިފޭ މިންވަރު މަތިވުމާއި، ނާޖާއިޒު ބޭނުންތައް ހުއްޓުވުމުގެ މަގްސަދުގައި އެންޕީސީއައި އިން އޯގަސްޓް 1 އިން ފެށިގެން ޔޫޕީއައި ބޭނުންކުރުމުގެ އައު ގަވާއިދުތަކެއް ތައާރަފުކުރުމުން ދިމާވި ކުރިއެރުމެކެވެ.
ކުރީގެ މަސްތަކާއި އަޅާބަލާއިރު، މެއި މަހު ޔޫޕީއައި މެދުވެރިކޮށް 18.67 ބިލިއަން މުޢާމަލާތް ހިންގިފައިވެއެވެ. އަދި ޖޫން މަހު އެ އަދަދު 18.39 ބިލިއަނަށް ދަށްވެފައިވެއެވެ. ޖުލައި މަހުގެ މި އަގުގެ ކުރިއެރުމަކީ ކުރީ މަހާއި އަޅާބަލާއިރު 4.3 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.
އެންޕީސީއައިއިން ބުނި ގޮތުގައި، އަމިއްލަ ވިޔަފާރިވެރިންނާއި، ކުދި ވިޔަފާރިތަކާއި، އާންމު ފަރާތްތަކުގެ މެދުގައި ޔޫޕީއައި ބޭނުންކުރުން މަގްބޫލުވެފައި ވެއެވެ.
މިއިން ދައްކުވައިދެނީ، ނަގުދު ފައިސާއިން ދުރުވެ، ގިނަ ބަޔަކު ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަންނަމުންދާ ކަމެވެ.
ޔޫޕީއައި އިން މިހާރު އިންޑިއާގައި ހިންގާ ހުރިހާ ޑިޖިޓަލް މުޢާމަލާތްތަކުގެ 85 އިންސައްތަ ހިއްސާކުރެއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ވަގުތުން ހިންގާ ޑިޖިޓަލް ޕޭމަންޓްތަކުގެ ގާތްގަނޑަކަށް 50 އިންސައްތައަކީ ވެސް އިންޑިއާގެ ޔޫޕީއައި މެދުވެރިކޮށް ހިންގާ މުޢާމަލާތްތަކެވެ.
ޔޫޕީއައި މިހާރު ސިންގަޕޫރު، ޔޫއޭއީ، ފަރަންސޭސިވިލާތް، އަދި މޮރިޝަސް ހިމެނޭހެން 7 ގައުމެއްގައި ހިނގަމުންދެއެވެ.





