އެއާ އިންޑިއާއިން ފެނުނީ ބޮޑެތި ކުރަފިތަކެއް ނޫން!

އެއާ އިންޑިއާ އިން ހޯމަ ދުވަހު މައާފަށް އެދުމުން ބުނެފައި ވަނީ މަތިންދާ ބޯޓު ތެރެއިން ފެނުނު ކުރަފީގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި އެސޮރުމެން ބޯޓުގައި ދަތުރުކުރީތީ ފަސިންޖަރުންގެ ގާތުން މައާފަށް އެދޭ ކަމަށެވެ.

އެއާ އިންޑިއާގެ ސެން ފްރެންސިސްކޯއިން މުމްބާއީއަށް ކުރި ދަތުރުގައި ވައިގެ ތެރޭގައި ކުރަފިތަކެއް ފެނިފައި ވެއެވެ. މި ބޯޓަކީ ސެންފްރެންސިސްކޯއިން އަންނަ މަގުމަތީގައި ކޯލްކަތާގައި މަޑު ކުރާ ފްލައިޓެއް ކަމުން ބޯޓު މަޑު ކުރުމާއެކު ބޯޓު ތެރެ ސާފުކޮށް ދުންޖަހައިގެން މުމްބާއީއަށް ފުރީކަމަށް އެއާއިންޑިއާއިން ބުންޏެއެވެ.

ބޯޓު ތެރއިން ކުދި ކުރަފިތައް ފެނިގެން ދެ ފަސިންޖަރަކު ޝަކުވާ ކުރުމުން އެމީހުން އެހެން ގޮނޑިތަކަކަށް ބަދަލު ކުރިކަމަށްވެސް އެއާލައިނުން ބުނެފައި ވެއެވެ.

"އަޅުގަނޑުމެން ގަވާއިދުން ބޯޓުގައި ދުންއެޅިނަމަވެސް ގްރައުންޑް އޮޕަރޭޝަންތަކުގައި ބައެއް ފަހަރު މަތިންދާބޯޓަށް ސޫފިތައް ވަދެދާނެ. ފަސިންޖަރުންނަށް ދިމާވާ އުދަނގޫތަކަށް އިޚްލާސްތެރިކަމާއެކު މައާފަށް އެދެން،" އެއާލައިނުން މިހާދިސާއާ ގުޅިގެން ބުނެފައި ވެއެވެ.

އަދި އެއާ އިންޑިއާއިން ބުނީ ހާދިސާ ހިނގި މަސްދަރާއި ސަބަބު ދެނެގަތުމަށް "ފުރިހަމަ ތަހުގީގެއް" ހިންގައި، އެކަން ތަކުރާރު ނުވާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޓާޓާ ގްރޫޕުން ހިންގާ އެއާލައިނަށް ދަނީ މައްސަލައަކަށް ފަހު މައްސަލައެއް ދިމާވަމުންނެވެ. ޖޫން މަހު އެކުންފުނީގެ ޑްރީމްލައިނާ ބޯޓު ވެއްޓުނު ހާދިސާއާއި އަދި އެއަށްފަހު، އޭވިއޭޝަންގެ ފާރަވެރިޔާ ސިވިލް އެވިއޭޝަނުން އިން ކުރި އޮޑިޓެއްގައި ސަލާމަތާ ހިލާފު ގިނަ ކަންތައްތަކެއް ފެނިފައިވާތީ އެ އެއާލައިނުން ދަނީ ވަރަށް ބޮޑަށް ފަރުވާތެރިވަމުންނެވެ.

މީގެ ކުރިން ޖޫން މަހު ޓޯކިޔޯއިން ދިއްލީއަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގެ ކެބިންގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މަތިވުމުން ކޮލްކަތާއަށް ޑައިވަރޓް ކުރަން ޖެހުނެވެ. އަދި މުމްބާއީ އިން ޗެންނާއީއަށް ދިޔަ އެހެން ފްލައިޓެއް ކެބިންގައި އަނދާ ވަހެއް ހުރުމުން އެނބުރި އައިސް ޖެއްސިއެވެ.

ދިއްލީން ޖައްމޫއަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ވެސް ވައިގެ ތެރޭގައި އެނބުރި އައިސް ޖެއްސީ ޓެކްނިކަލް ފޯލްޓެއްގެ ސަބަބުންނެވެ. އެ ބޯޓު ޖެއްސި ވަގުތު ދިމާވީ ސެން ފްރެންސިސްކޯއިން އައި ފްލައިޓް ކޮލްކަތާގައި މަޑުކުރުމުގެ ތެރޭގައި އިންޖީނު މައްސަލައެއް ޖެހިގެން ފަސިންޖަރުން ގެ ދަތުރު ޑިލޭވުމާއެވެ.

އެއާ އިންޑިއާގެ ފްލައިޓްގެ އެތެރޭގެ ސާފުތާހިރު ކަމުގެ މައްސަލަތަކެއް ހުރެގެން އެ އެއާލައިނަށް ފާޑު ކިޔުން އަމާޒު ވެފައި ވެއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ދިއްލިއިން ނިއުޔޯކަށް ދިޔަ ފްލައިޓެއްގައި މީހަކު ވަނީ އޮމެލެޓެއްގެ ތެރެއިން ކުރައްޕެއް ފެނިގެން ޝަކުވާ ކޮށްފައެވެ.

އޭގެ ކުރިން ބެންގަލޫރުން ސެން ފްރެންސިސްކޯއަށް ދިޔަ ފްލައިޓެއްގައި ދިން ކާނާއެއްގައި ތޫނު އެއްޗެއް އޮވެގެން ޝަކުވާ ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!