ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ސިވިލް ސަރވިސްގެ މަޤާމަކަށް

ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ސިވިލް ސަރވިސްގެ މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، އެ މަޤާމަށް މީހަކު އައްޔަންކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށްކަމަށް ވަނީ ނިންމާފައެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭނީ މެނޭޖްމަންޓް ދާއިރާއިން ލެވެލް 8 ނުވަތަ 9ގެ ސަނަދަކާއި، ސިއްޙީ ދާއިރާގެ 10 އަހަރުގެ ތަޖުރިބާއެވެ.

އަދި ތެލެސީމިއާއާ ގުޅޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ކައިވެނިކުރަން އެދޭ ފަރާތްތަކުން ތެލެސީމިއާ ޓެސްޓްގެ ނަތީޖާ ހުށަހެޅުން މަޖުބޫރުކޮށް، ތެލެސީމިއާ ކުދިން ލިބިދާނެ ފަރާތްތަކުގެ ކައިވެނީގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ.

ތެލެސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ ދެމަފިރިން ކައިވެނި ކުރެވޭނީ ޚާއްސަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ގައެވެ. މިއީ ތެލެސީމިއާ ކުދިން އުފަންވުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި އިސްލާހުތަކަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އަލަށް އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އާންމުކުރަން ޖެހޭނެއެވެ. މި އިސްލާހުތަކަކީ ރާއްޖޭގައި ތެލެސީމިއާ ކުދިން އުފަންވުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ހިއްސާ ކުރައްވާ!