މަތިންދާބޯޓުގައި ޔަހޫދީންނަށް ފްރީ ޕަލެސްޓައިން ބަތް ޕާރްސަލް ކާންދީފި

ޔަހޫދީ ފަސިންޖަރުންނަށް ސްޕެއިންގެ އެއާލައިނެއްގައި “ފްރީ ފަލަސްތީން” ލިޔެފައިވާ ބަތް ޕާރުސަލްތަކެއް ހަވާލުކޮށްފިއެވެ. ހޮލޮކޯސްޓް ހިންގުމަށްފަހު ވަރުބަލި ވެގެން އާޖެންޓީނާއަށް ޗުއްޓީ ހޭދަކުރަން ދިޔަ ބަޔަކަށް [ފްރީ ޕަލެސްޓައިން] އަތު ލިޔުމުން ލިޔެފައިވާ ބަތް ޕާރްސަލްތައް ދިނުމުން މައްސަލަ ހޫނު ވެއްޖެއެވެ. ޔަހޫދީން ބުނެފައި ވަނީ މިއީ ޔަހޫދީ ނަސްލާ ދެކޮޅުވެރި ތަފާތު ކުރުމުގެ އަމަލެއް ކަމަށެވެ.

ޔަހޫދީ ޖަމިއްޔާއެއް ކަމަށްވާ ޑެލިގޭޝަން ޑި އެސޯސިއޭޝަންސް އިސްރާއީލިޓާސް އާޖެންޓީނާސް (ޑީއޭއައިއޭ) އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މި ހަފްތާގެ ކުރީކޮޅު ބުއެނަސް އައިރެސް އިން މެޑްރިޑަށް ދިޔަ އައިބީރިއާ ފްލައިޓެއްގައި ކަމަށެވެ.

ދެ ޔަހުދީން ކުރެ އެކަކަށް ލިބުނީ ފްރީ ޕަލެސްޓައިން ޖަހާފައިވާ ޕެކެޓެކެވެ. އަނެއް މީހާއަށް ލިބުނީ އޭގެ ރަމްރު އެފްޕީ ޖަހާފައިވާ ޕެކެޓެކެވެ.

"އަހަރެން ހެޑް ފްލައިޓް އެޓެންޑެންޓަށް ރިޕޯޓް ކުރިން، އޭނާ ޝަކުވާ ނަގައި، ފޮޓޯ ނަގައި ހެދި. އެމީހުން މަސައްކަތް ކުރީ މައާފަށް އެދެން،" އާޖެންޓީނާގެ ޔަހޫދީ ނޫހެއް ކަމަށްވާ ވިޒާވިސް އަށް ދިން އިންޓަވިއުއެއްގައި މިއިން ޔަހޫދީއަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ފްރީ ޕަލެސްޓައިން ލިޔެފައި ވަނީ އެއާލައިންގެ މުވައްޒަފެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް އެކަން ކޮށްފައި ވަނީ ކާނާ ތައްޔާރު ކުރާ ކުންފުނީގައި އުޅޭ ޔަހޫދީންނާ ދެކޮޅު މީހަކު ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު އައިބީރިއާގެ ތަރުޖަމާނަކު ވަނީ ފްރީ ޕަލެސްޓައިން ލިޔެފައިވާ ބަތްޕާރުސަލްގެ ވާހަކައަކީ ހަގީގަތެއް ކަމަށް އެއްބަސްވެފައެވެ. ޔަހޫދީންނަށް މިހާރު ފްރީ ޕަލެސްޓައިނަކީ ބިރު ވެރި ހުވަފެނެކެވެ.

ހިއްސާ ކުރައްވާ!