ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް
ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް

ޓެކްނިކަލް މައްސަލައެއް ދިމާވުމުން މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފުރީ ލަހުން

މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން، ހޮނިހިރު ދުވަހު ޖިއްދާއިން ފުރަން ހަމަޖެހިފައި އޮތް ފްލައިޓް ފުރީ ލަހުންނެވެ.

ޖިއްދާ ގަޑިން 15:55 ގައި ފުރަން ހަމަޖެހިފައިވާ އެ ފްލައިޓް، އިންޖީނާ ގުޅުންހުރި މައްސަލައެއް ދިމާވުމާ ގުޅިގެން ފުރުން ލަސްވީއެވެ. އިންޖިނިއަރުންގެ ޓީމުން މައްސަލަ ބަލައި، ބޭނުންވާ މަރާމާތުތައް ކުރުމަށްފަހު، އެ ފްލައިޓް ފުރާފައި ވަނީ ޖިއްދާ ގަޑިން 18:17 ކަމަށް އެވިއޭޓާޒް މޯލްޑިވްސްއިން ބުނެފައި ވެއެވެ.

މި ލަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވުމަކީ އާންމު ކަމެއް ކަމާއި، މިފަދަ ހާލަތްތަކުގައި ޢަމަލުކުރަނީ ކަނޑައެޅިފައިވާ އޮޕަރޭޝަނަލް އަދި ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށެވެ.

އެއާބަސް އޭ330 އަކީ މޯލްޑިވިއަންއަށް އެންމެ ފަހުން ގެނައި ބޯޓެވެ. މި ވައިޑްބޮޑީ މަތިންދާބޯޓު ގެނައުމާއެކު، މޯލްޑިވިއަންއަށް ދުރު މަންޒިލްތަކަށް ޝެޑިއުލް ދަތުރުތަކަށާއި، ގިނަ ޗާޓަރ ދަތުރުތައް ފެށުމުގެ ފުރުސަތު ލިބިފައެވެ.

މި މަތިންދާބޯޓު ޚިދުމަތަށް ނެރުމަށްފަހު، ޗައިނާއަށް ދަތުރުތައް ފަށައި، ފަތުރުވެރިކަމާއި ވިޔަފާރީގެ އައު ފުރުސަތުތައް ވަނީ ފަހިވެފައެވެ. އަދި މި މަތިންދާބޯޓު ވަނީ ދިވެހި އުމުރާވެރިންނަށް ސީދާ ދަތުރުތައް ފޯރުކޮށްދިނުމަށް އުމްރާ ފްލައިޓްތަކުގައިވެސް ބޭނުންކުރަން ފަށާފައެވެ.

ހިއްސާ ކުރައްވާ!