އެމެރިކާގެ ސިއެޓަލް ސިޓީގެ 7 އަހަރުގެ ކުއްޖެއް ކަމަށްވާ އެލެކްސް ބަޓްލަރ ވަނީ އޭނާ އުފެއްދި ކާޑު ގޭމެއްގެ ސަބަބުން 15 އަހަރުގެ އުމުރުގައި މިލިއަނަރަކަށް ވެފައެވެ. "ޓާކޯ ވަރސަސް ބުރިޓޯ" ގެ ނަމުގައި އޭނާ އުފެއްދި މި ގޭމަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލުކަން ހޯދާފައިވާ ކާޑު ގޭމެކެވެ.
މައިންބަފައިންގެ އެހީތެރިކަމާއެކު އެލެކްސް އުފެއްދި މި ގޭމުގައި ކުޅުންތެރިން ވާދަކުރަނީ "އެންމެ އަގުބޮޑު ކެއުމެއް" އުފެއްދުމަށެވެ. މެކްސިކަން ކާނާއަށް މާބޮޑު ޝައުޤުވެރިކަމެއް ނެތް ނަމަވެސް، އާއިލާއާއެކު އެހެން ކާޑު ގޭމްތައް ކުޅެމުން ދަނިކޮށް މި ގޭމުގެ އައިޑިއާ އެލެކްސްއަށް ލިބުނެވެ.
އެލެކްސްގެ މަންމަ، ލެސްލީ ޕިއަރސަން، އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ ގޭމް އުފެއްދުމުގެ ޚަރަދު ހޯދުމަށް ކްރައުޑްފަންޑިންގ ކެމްޕޭނެއް ފަށައި، ފުރަތަމަ ދުވަހު 1,000 ޑޮލަރު އަދި ފަހުން ކޮމިކް ކޮން ފަދަ އިވެންޓްތަކާއި އޮންލައިން ޕްލެޓްފޯމްތަކުން 25,000 ޑޮލަރު ހޯދުމުގައި ކާމިޔާބު ވެފައެވެ.
ގޭމުގެ ކާމިޔާބީއާއެކު "ހޮޓް ޓާކޯ އިންކް" ގެ ނަމުގައި ކުންފުންޏެއް އުފައްދައި، އެމެޒޯން މެދުވެރިކޮށް ވިއްކަން ފެށުމާއެކު، ފުރަތަމަ އަހަރު 1.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނާ ކޮޕީ ވިއްކާފައިވާ މި ގޭމުގެ ޙައްޤުތައް ވަނީ ފާއިތުވި މަހު އެމެރިކާގެ ބޮޑު ގޭމިންގ ކުންފުންޏެއް ކަމަށްވާ ޕްލޭމޮންސްޓަރއަށް ވިއްކާލާފައެވެ.
އެލެކްސް ވަނީ މި ގޭމުން ލިބުނު ފައިސާ އާއިލާއާއެކު އިންވެސްޓް ކުރުމަށް ނިންމާފައެވެ. "މި ގޭމާ ދޭތެރޭ އަޅުގަނޑުގެ އެހާ ބޮޑު އެޓޭޗްމަންޓެއް ނެތް. އަޅުގަނޑު ބޭނުންވީ ވީހާވެސް ގިނަ ފައިސާ ހޯދަން. ލެމްބޯގިނީ ކާރެއް ގަތުމަށް ވެސް ވިސްނަން," އޭނާ ބުންޏެވެ. ޕްލޭމޮންސްޓަރގެ ސީއީއޯ ޖޮނަތަން ބަރކޯވިޓްޒް ވަނީ މި ގޭމުގެ ކާމިޔާބީއަށް ތަޢުރީފުކޮށް، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މި ގޭމް ކުޅުމުގެ މަޖާ ލިބޭކަން ފާހަގަކޮށްފައެވެ.







