އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަރުވާނާގެ ޤާނޫނީ ދަރަޖަ ދަށްކޮށް، އެއާ ގުޅޭ ފެޑެރަލް ގަވާއިދުތައް ލުއި ދިނުމަށް ވިސްނަވަމުން ކަމަށް ސީއެންއެން އިން ހާމަކޮށްފިއެވެ. މިއީ އެމެރިކާގެ މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތަށް ގެނެވޭ ބޮޑު ބަދަލަކަށް ވެގެންދާނެ ކަމެކެވެ.
ނިއުޖާރސީގައި ހުންނަ އޭނާގެ ބެޑްމިންސްޓަރ ކްލަބުގައި ބޭއްވި ފައިސާ ދީގެން ޓްރަމްޕާއެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވި ،މީހުންގެ ޚާއްސަ ޑިނަރެއްގައި، ޓްރަމްޕް މިވާހަކަ ދެއްކެވިއެވެ. ޓްރަމްޕާއެކު ރޭގަނޑު ކެއުމަކަށް މީހަކަށް މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެފައިސާ ނަގަނީ ކެމްޕޭނަށް ކަމަށް ބުނެ އެކަން އިންތިޒާމު ކުރާ ކެމްޕޭންގެ އިންތިޒާމު ކޮމިޓީންނެވެ! އެމެރިކާގައި އެއަށް ކޮރަޕްޝަނެކޭ ނުކިޔާނެއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ދެ މަސްދަރަކުން ސީއެންއެންއަށް މައުލޫމާތު ދިން ގޮތުގައި "އަޅުގަނޑުމެން މިކަމާމެދު ވިސްނަންޖެހޭ… މިއީ އަޅުގަނޑުމެން ބަލާނެ ކަމެއް" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނާ ގޮތުން، މި މަހު ކުރީކޮޅު ނިއުޖާރސީގައި ހުންނަ އޭނާގެ ގޯލްފް ކްލަބުގައި ބޭއްވި އެއް މިލިއަން ޑޮލަރުގެ ފަންޑްރެއިޒިންގ އިވެންޓެއްގައި، މިފަދަ ބަދަލެއް ގެނައުމަށް ވެސް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެމެރިކާގައި މަރުވާނާގެ ދަނޑުވެރިކަން ކުރާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަމަށްވާ ޓްރޫލީވްގެ ސީއީއޯ ކިމް ރިވަރސް ވެސް ބައިވެރިވިއެވެ.
ނަމަވެސް މި މައްސަލައިގައި ޓްރަމްޕްގެ ޓީމުގެ ތެރޭގައި ޚިޔާލު ތަފާތުވުމެއް އުފެދިފައިވާ ކަމަށް އެތެރޭގެ މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ލިބިފައިވާ މަސްދަރުތައް ބުނެއެވެ. ސިޔާސީ ލަފާދާރުން މިކަމަށް ތާއީދުކުރާއިރު، ބައެއް ސިޔާސަތުތަކާ ގުޅޭ ލަފާދޭ ފަރާތްތަކުން މި ބަދަލު ގެނައުމުން ކުރިމަތިވެދާނެ އަޚްލާޤީ އަދި ޤާނޫނީ ނަތީޖާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ވައިޓް ހައުސްގެ ތަރުޖަމާން އަބިގެއިލް ޖެކްސަން ވިދާޅުވި ގޮތުގައި "ހުރިހާ ޤާނޫނީ ޝަރުތުތަކާއި، ސިޔާސަތުތަކާއި، އޭގެ ނަތީޖާތައް ރައީސްގެ ވިސްނުންފުޅުގެ ތެރޭގައި ހިމެނޭ" އަދި "ރައީސްގެ ނިންމެވުމުގައި ހަމައެކަނި މިންގަނޑަކަށް ވާނީ އެމެރިކާގެ ރައްޔިތުންގެ މަސްލަހަތު" ކަމުގައި ވިދާޅުވިއެވެ.







