ޓްރަމްޕް ސަރުކާރުން 10 މިލިއަން ޑޮލަރުގެ ކޮންޑޮމް އަންދާލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 9.7 މިލިއަން ޑޮލަރުގެ އަގުހުރި ދޭތެރެ ދުރުކުރަން ބޭނުންކުރާ ބޭހާއި ކޮންޑޮމްފަދަ ވަސީލަތްތައް ފްރާންސްއަށް ފޮނުވައި އަންދާލުމަށް ނިންމައިފިއެވެ. މިއީ އެހީގެ ގޮތުގައި އެހެން ޤައުމުތަކަށް ފޯރުކޮށްދެވިދާނެ ތަކެއްޗެވެ. މި ތަކެތި އަންދާލުމަށް އިތުރު 167،000 ޑޮލަރު ހޭދަކުރަން ޖެހެއެވެ.

މި ނިންމުމާ ގުޅިގެން ބެލްޖިއަމް އަދި ފްރާންސްގެ ސަރުކާރުތަކުން މި ތަކެތި ނައްތާލުން ހުއްޓުވުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި އެމްއެސްއައި ރިޕްރޮޑަކްޓިވް ޗޮއިސަސް އަދި އައިޕީޕީއެފް ފަދަ އަމިއްލަ ޖަމިއްޔާތަކުން އަމިއްލަ ޚަރަދުގައި މި ތަކެތި ދުނިޔޭގެ އެކި ހިސާބުތަކަށް ބެހުމަށް ވެސް ހުށަހަޅާފައިވެއެވެ.

މި ނިންމުމަކީ ޓްރަމްޕް އިދާރާގެ ބޭރު އެހީ އުނިކުރުމުގެ ސިޔާސަތާއި، ވިހެއުމަށް ހުރަސް އެޅުމާ ގުޅޭ އެސްވެސް ކަމެއްގައި އެހީވެ ނުދިނުމާ ގުޅިފައިވާ ކަމެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނަކު މި ވަސީލަތްތަކަކީ ވިހެއުމަށް ހުރަސްއަޅާ ތަކެތި ކަމަށް މނަ ކުރިނަމަވެސް މާހިރުންނާއި ކޮންގްރެސްގެ މުވައްޒަފުން މިކަން ދޮގުކޮށްފައިވެއެވެ.

މި ނިންމުމުގެ ސަބަބުން އޭޑްސް ފަދަ ބަލިތަކުގެ ސަބަބުން ރައްކާތެރިނޫން ގޮތްގޮތުން ދަރިމައިވުން ހުއްޓުވުމުގެ ކަންކަން އިތުރުވެގެންދާނެ ކަމަށް މާހިރުން ވަނީ އިންޒާރުދީފައެވެ. މިހާރުވެސް އެފްރިކާގެ ސިއްހީ މަރުކަޒުތަކުގައި އެމެރިކާގެ އެހީ މަދުވުމުގެ ސަބަބުން މި ފަދަ ވަސީލަތްތައް ލިބުން ދަތިވެފައިވެއެވެ.

ޑިމޮކްރެޓިކް ސެނެޓަރުން މި ފަދަ ސިއްހީ ވަސީލަތްތައް ނައްތާލުން ހުއްޓުވުމަށް ބިލެއް ހުށަހަޅާފައިވީ ނަމަވެސް، ރިޕަބްލިކަނުންގެ އެއްބާރުލުން ނެތުމުގެ ސަބަބުން މި ބިލު ފާސްވުމަކީ އުނދަގޫ ކަމެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރ ކާނާ އަދި ކަށިވިދުރީގެ ވެކްސިން ފަދަ އެހީގެ ތަކެތިވެސް ޓްރަމްޕް ސަރުކާރުން ނައްތާލާފައިވާކަން ފާހަގަ ކުރެވެއެވެ.

ހިއްސާ ކުރައްވާ!