ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު ވިދާޅުވެފައިވަނީ އިންޑަސް ކޯރުގައި އިންޑިއާއިން ޑޭމެއް ބިނާކުރާނަމަ، އެ ޑޭމް ހަލާކުކޮށްލާނެ ކަމަށެވެ. އަދި ޕާކިސްތާނުގެ ފެނުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކޮންމެ އަގެއް ދޭން ޖެހުނު ނަމަވެސް ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަޝްމީރަކީ ޕާކިސްތާނުގެ "ލޭނާރު" ކަމަށް ވިދާޅުވެ، އެއީ އިންޑިއާގެ އެތެރޭގެ މައްސަލައެއް ކަމަށް އިންޑިއާއިން ދައްކާ ވާހަކަތަކަކީ ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށް އާމީ ޗީފް ވިދާޅުވިއެވެ. މިއަށް ރައްދު ދެމުން އިންޑިއާއިން ބުނެފައިވަނީ މިއީ އަސާސެއްނެތް ވާހަކަތަކެއް ކަމަށާއި، ޖައްމޫ އަދި ކަޝްމީރަކީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށެވެ.
އިންޑިއާގެ ކަޝްމީރުގެ ބޭތާބް ވާދީއަށް ޓެރަރިސްޓް ހަމަލައެއް ދީފައި ވަނީވެސް އާސިމް މުނީރު، ކަޝްމީރަކީ ޕާކިސްތާންގެ ލޭނާރުކަމަށް ވިދާޅުވިތަނާއެވެ.
އިންޑިއާގެ "އޮޕަރޭޝަން ސިންދޫރު" އަކީ ޕާކިސްތާނުގެ ސިޔާދަތަށް އަރައިގަތުމެއް ކަމަށް ފާހަގަކުރައްވައި، އިންޑިއާއިން މައްސަލ ަހައްލު ކުރަން ފިޔަވަޅެއް ނާޅައިފިނަމަ އެއީ ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެ ކަމެއް ކަމަށާއި، އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް އާމީ ޗީފް އިންޒާރު ދެއްވިއެވެ.
އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ފީލްޑް މާޝަލް މުނީރު ވަނީ ޓެމްޕާގައި ބޭއްވި ސެންޓްކޮމްގެ ކޮމާންޑް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި އޭނާ ވަނީ މަޤާމުން ވަކިވެވަޑައިގަންނަވާ ޖެނެރަލް މައިކަލް ކުރިއްލާއަށް ޝުކުރު އަދާކުރައްވައި، އައު ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރަށް މަރުޙަބާ ދަންނަވާފައެވެ.
މީގެއިތުރުން، އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް ޑޭން ކެއިނާ އެކު ބައްދަލުކުރައްވައި، ޕާކިސްތާނަށް ޒިޔާރަތްކުރެއްވުމަށް ދަޢުވަތު ދެއްވާފައިވެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. އިންޑިއާިއން ބުނަނީ މި މައްސަލަ ހައްލު ކުރުމަށް ޓްރަމްޕް ކުރި ކަމެއް ނޯންނާނެ ކަމަށެވެ.





